ބ. ފެހެންދޫގައި ”ފްލޯޓިން އޭކަރސް“ ކުންފުނިން މޫދުވިނަ އެކްސްޕޯޓްކުރުމުގެ މަޝްރޫޢެއް ފަށައިފިއެވެ.
ރާއްޖޭގައި މިފަދަ މަސައްކަތެއް ފެށުނު ފުރަތަމަ ފަހަރު ކަމަށްވާ މި މަޝްރޫޢު އިފްތިތާޙު ކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު މުއްޠަލިބު ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން އެކްސްޕޯޓްކުރުމަށް އަމާޒުކޮށްފައިވަނީ ކާތަކެތި، ބޭސް އަދި ކޮސްމެޓިކްސް އުފެއްދުމަށް ބޭނުންކުރާ މޫދުވިނައިގެ ބާވަތެކެވެ.
މި ވިނަ ހިއްކުމަށްފަހު އެކްސްޕޯޓްކުރެވޭނެ ކަމަށާއި، މިހާރުވެސް އިންޑިޔާގެ މާކެޓުން މި އުފެއްދުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް މުއްޠަލިބު ވިދާޅުވިއެވެ.
މުއްޠަލިބު ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން އިޤްތިޞާދީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިގޮތުން މިހާރުވެސް ފެހެންދޫގެ 20 މީހުންނަށް ވަޒީފާގެ ފުރުސަތު ލިބިފައިވާ ކަމަށާއި، ދުނިޔޭގެ މޫދުވިނައިގެ މާކެޓުގެ 98 އިންސައްތަ ހިއްސާކުރަނީ އޭޝިޔާ ބައްރުން ކަމަށާއި، ހިއްކި މޫދުވިނައިގެ ކިލޯއެއްގެ އަގަކީ ގާތްގަނޑަކަށް 1.8 ޑޮލަރު ކަމަށެވެ.
ރާއްޖޭގައި މެރިކަލްޗަރގެ ދާއިރާ ފުޅާކުރެއްވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައެވެ.
މެރިކަލްޗަރގެ މަޝްރޫޢުތައް ހިންގަން ބޭނުންވާ އިންވެސްޓަރުންނަށް، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފުރުޞަތުދެއްވާނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.



