ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް ތެދުވެ، ރައީސް މުޢިއްޒުގެ ސަރުކާރުން ދުނިޔެއަށް ދެއްވީ ވަރުގަދަ މެސެޖެއް ކަމަށް ބައިނަލްއަޤްވާމީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ވިދާޅުވެއްޖެއެވެ.
އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުން ތަންފީޒުކުރުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ރާއްޖެއިން ނިންމީ ހިތްވަރުގަދަ ނިންމުމެއްކަން ފާހަގަކޮށް، އެކަމަށް ތައުރީފު ކުރަމުންނެވެ.
ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް ވީނަމަވެސް، އިޤްތިޞާދީ ގެއްލުންތަކަށް ބެލުމެއްނެތި، އިންސާފާއި ހަމައިގެ އުސޫލުތަކުގައި ހިފަހައްޓައި، ޔަހޫދީންގެ އަނިޔާވެރިކަމާ ދެކޮޅަށް ސާބިތުކަމާއެކު ތެދުވުމަކީ ދުނިޔެއަށް ދެވުނު ވަރުގަދަ މެސެޖެއްކަމަށް ތަޖުރިބާކާރުން ފާހަގަކުރެއްވިއެވެ.
ތަޖުރިބާކާރުން ބުނިގޮތުގައި ރާއްޖެއިން އެޅި މި ފިޔަވަޅަކީ ހަމައެކަނި ބަހުން ބުނެލި ބުނުމެއްގެ ބަދަލުގައި، ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅައި، ޤާނޫނީ ގޮތުން ލާޒިމްކުރުވި ކަމެއް ކަމަށެވެ.
އަދި މިއީ ޑިޕްލޮމެޓިކް ފަށުވި ބަހުން ނުވަތަ ވިޔަފާރީގެ މަޞްލަޙަތުތަކުގެ ދަށުން ނިންމި ނިންމުމެއް ނޫންކަން ތަޖުރިބާކާރުން ފާހަގަކުރެއްވިއެވެ.
މި ފިޔަވަޅުގެ ސަބަބުން ޔަހޫދީ ސަރުކާރަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށާއި، މިއީ މިނިވަން، މުސްތަޤިއްލު ދައުލަތަކުން ޔަހޫދީންގެ އަމަލުތަކާ ދެކޮޅަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވިއެވެ.
ތަޖުރިބާކާރުން އިތުރަށް ވިދާޅުވީ، މިކަމުން ދައްކުވައިދެނީ ކުޑަ ޤައުމުތަކުން ވެސް ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ތެދުވާނެކަމަށެވެ.



