ކެންޔާގެ ވެރިރަށް ނައިރޯބީގައި ސިންގާއެއް 14 އަހަރުގެ އަންހެން ކުއްޖަކަށް ހަމަލާދީ މަރާލައިފިއެވެ.
ކެންޔާގެ ވައިލްޑްލައިފް ސަރވިސް (ކޭޑަބްލިއުއެސް) އިން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ނައިރޯބީގެ ނެޝަނަލް ޕާކް ސަރަހައްދުންނެވެ.
އެ ސަރަހައްދުން ސިންގާއެއް އެ ކުއްޖާ ގެންގޮސްފައިވާ ކަން އެސަރަހައްދުގައި އުޅޭ ކުއްޖަކު އެންގުމާއި ގުޅިގެން ކޭޑަބްލިއުއެސްގެ ރޭންޖަރުން ވަނީ އެ ސަރަހައްދަށް އަވަހަށް ގޮސްފައެވެ.
ރޭންޖަރުން އެ ސަރަހައްދަށް ގޮސް ބެލިއިރު، އެ ކުއްޖާގެ މަރާލާފައިވާ ހަށިގަނޑުގެ ބައިތައް ފެނިފައިވާކަމަށް ކޭޑަބްލިއުއެސްއިން ބުނެފައިވެއެވެ.
ކޭޑަބްލިއުއެސްގެ ތަހުގީގު ޓީމުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާއާ ގުޅިގެން އެ ސިންގާ އަދި ނުފެނުނު ނަމަވެސް، އެ ޖަނަވާރު ހިފުމަށް ދަންތުރައެއް އަޅައި، އެ ޖަނަވާރު ހޯދުމަށް ސާރޗް ޓީމްތަކެއް ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.
ކޭޑަބްލިއުއެސްގެ ސީނިއާ ކޯޕަރޭޓް ކޮމިއުނިކޭޝަން މެނޭޖަރު ޕޯލް އުޑޯޓޯ ބުނީ އެ ސިންގާ އާންމުން އުޅޭ ސަރަހައްދަށް ވަދެ ގަތީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ޕާކްގެ ފެންސް މަތިން ފުންމާލައިގެން ބޭރުވެ ކަމަށެވެ.
އަދި ހާދިސާ ހިނގީ ޕާކްގެ ރޭންޖަަރުން އެ ސިންގާ ހޯދައި އަތުލައިގަންނަން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ވެސް ބުންޏެވެ.



