ލަލީގާގައި ރޭ އެތްލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއިން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
ލީގުގައި ބާކީ ހަ މެޗު އޮތް އިރު، ބާސެލޯނާއަށްވުރެ ހަތަރު ޕޮއިންޓް ފަހަތުގައި އޮތް ރެއާލް މެޑްރިޑް މި މެޗަށް ނުކުތީ އެޓީމުގެ ފޯވަޑް، ކިލިއަން އެމްބާޕޭއާ ނުލައެވެ. އެއީ އަލާވޭސްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މާ ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިނުވާ އިރު، ދެވަނަ ހާފުގައި ބޮޑަށް ނުރައްކާ ކުރީ ރެއާލް މެޑްރިޑުންނެވެ. އެޑުއާޑޯ ކަމަވިންގާއާއި ޖޫޑް ބެލިންހަމްގެ ހަމަލާތައް ބިލްބާއޯގެ ކީޕަރު އުނައި ސިމޮން މަތަކުރި އިރު، 11 މިނެޓު ބާކީ އޮއްވައި ވިނީޝިއަސް ޖޫނިއޯ ފޮނުވާލި ހަމަލާއެއް ގޯލަށްވެސް ވައްދާލިއެވެ.
ނަމަވެސް އެލަނޑު އޮފްސައިޑުވެ ބަލައެއް ނުގަނެއެވެ.
މެޗުގެ އިތުރު ވަގުތުގައި، އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ވޮލީއަކުން ފޮނުވާލައި ވަލްވާޑޭ ޖެހި ލަނޑުން ރެއާލް މޮޅުކޮށްދިނެވެ.
މިމޮޅާއިއެކު، ރެއާލް މެޑްރިޑަށް ވަނީ ލީގު ތާވަލުގައި ބާސެލޯނާއާ ޕޮއިންޓުގެ ފަރަގު ކުޑަކުރެވިފައެވެ.



