ށ. މިލަންދޫގައި ހަދާ ލައިސަންސް ޓްރެކްގެ މަސައްކަތް ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
މިކަމާއި ގުޅޭގޮތުން މީޑިއާތަކާއި ހިއްސާކުރި މައުލޫމާތުގައި އާރްޑީސީން ބުނީ، އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ށ. މިލަންދޫގައި އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ލައިސެންސް ނެގުމަށް ހަދާ ޓްރެކްގައި ތަޅުން އެޅުމާއި ކުރެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިލަންދޫގެ ލައިސަންސް ނަގާ ތަނުގެ މަސައްކަތް އާރުޑީސީން ކުރަމުން އަންނައިރު، މިލަންދޫގެ މަގުތައް ޒަމާނީ ކުރުމުގެ މަސައްކަތްވެސް ކޮށްފައިވަނީ އެކުންފުނިންނެވެ.

މި މަޝްރޫޢުގެ ދަށުން 8 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާފައެވެ. މި މަސައްކަތުގެ ދަށުން ޖުމްލަ 6.15 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާފައިވެއެވެ.
މި މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 156.4 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.




