އެޗްޑީސީގެ ކުރީގެ މުވައްޒަފަކު އެ ކުންފުނީގެ ނަމުގައި އޮޅުވާލައިގެން ބިމެއް ވިއްކަން އުޅުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ތަހުގީގުކޮށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލް އޮފީހަށް ހުށަހަޅައިފި އެވެ.
މި މައްސަލައިގައި ދަޢުވާ އުފުލަން އެދިފައިވަނީ އެޗްޑީސީގެ އެސްޓޭޓް އޮފިސަރުގެ މަޤާމުގައި ކުރިން ހުރި، މ. ސީވިންޑް/ ފުތިހާ ޝާކިރުގެ މައްޗަށެވެ.
އޭނާގެ މައްޗަށް ކުރަން އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދަޢުވާއެވެ.
އޭސީސީގެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، 2022 ވަނަ އަހަރު އެޗްޑީސީގެ ނަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން 2,600 އަކަފޫޓުގެ ބިމެއް ވިއްކާނެ ކަމަށް ބުނެ، އެ ކުންފުނީގެ ނަމުގައި ޞައްޙަނޫން ޕޭމަންޓް ސްލިޕްތަކެއް ތައްޔާރުކޮށް، އަމިއްލަ ފަރާތެއްގެ އަތުން 550,000 ރުފިޔާ ހޯދާފައިވެއެވެ.
މި މައްސަލައިގައި އޭސީސީން ވަނީ އޮޅުވާލައިގެން ހޯދި ފައިސާ ވެސް ދަޢުވާގެ ތެރެއިން އަނބުރާ ހޯދައިދިނުމަށް އެދިފައެވެ.
މިއީ ދައުލަތުގެ މުއައްސަސާއެއްގެ ނަން ބޭނުންކޮށްގެން ހިންގާފައިވާ މަކަރާއި ހީލަތުގެ ޢަމަލެއްގެ ގޮތުގައި އޭސީސީން ފާހަގަކޮށްފައިވެއެވެ.




