ދުރު ނޫން މުސްތަގުބަލެއްގައި ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސް، ނޭވީ އަދި އާރމީ އުފެއްދުމަކީ އެމަނިކުފާނުގެ ތަސައްވުރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރޭ ބޭއްވި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ސިފައިންގެ ހުރިހާ ބާރުތަކަކަށް ކުރިއެރުން ގެނެސްދިނުމުގައި ފަހުރުވެރިކަމާއެކު ސަރުކާރު ދާނީ ކުރިއަށް ކަމަށެވެ.
”އެހާ ހިސާބަށް ދިވެހި ސިފައިންގެ އަސްކަރިއްޔާގެ ބާރު ވަރުގަދަ ކުރަން މަސައްކަތް ކުރާނަން. އެހާ ހިސާބަށް ގެންދިޔުމުގައި ކުރަން ހުރި ގިނަގުނަ މަސައްކަތް އެބަހުރި،“ ރައީސް ވިދާޅުވިއެވެ.
ރާއްޖެއަކީ ކުޑަކުޑަ އާބާދީއެއް ނަމަވެސް ސަރަހައްދުގެ ގޮތުން ބިޔަ ގައުމެއްކަން ފާހަގަކުރައްވާ، ރައީސް ވިދާޅުވީ ގައުމުގެ އިގްތިސާދު މިނިވަންކޮށް ހިމާޔަތް ކުރެވޭނީ ސިފައިންނަށް އަސްކަރީ ބާރުވެރިކަން ގެނެސްދެވިގެން ކަމަށެވެ.
މިއީ ވަށާޖެހިފައިވާ ސިޔާސަތެއްގެ ދަށުން މިކުރަނީ ކޮން ކަމެއްކަން އެނގި ތިބެ، ގައުމަށްޓަކާ ކުރާ މަސައްކަތެއް ކަމަށާއި، މި މަސައްކަތް މިގޮތުގައި ކުރިއަށް ގެންދާނަން ކަމުގައި ރައީސް ވިދާޅުވިއެވެ.
ސިފައިންގެ އެހެނިހެން ދާއިރާތަކުން ވެސް ކެޕޭސިޓީ އިތުރުކުރުމަކީ ރިޔާސީ ބަޔާނުގައި ވެސް ފާހަގަކުރެއްވި ފަދައިން ކުރިއަށް ގެންދާނެ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. އަދި ފަޔާ އެންޑް ރެސްކިއު ސާވިސްގެ ދާއިރާއަށް ވަސީލަތްތައް ހޯދައިދިނުމަށް މަސައްކަތްތައް ފަށާފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ތަމްރީނު ކުރެވޭ ސިފައިންގެ އަދަދު އިތުރުކުރުމަށް ސިފައިންގެ ތަމްރީނު މަރުކަޒުތައް ބޮޑުކުރުމާއި އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ނޭޝަނަލް ސާވިސްއަށް ކުރިމަތިލުމުގެ ފުރުސަތު ދާދި އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިއީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމާއެކު ސިފައިންގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.




