އިންޑިއާގެ މުންބާއީގައި މަރާމާތުކުރަމުންދިޔަ އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑް ކަނޑުބޯޓު ”ހުރަވީ“ މަރާމާތުކޮށް ނިންމައި، އިއްޔެ ރާއްޖެއަށް ދަތުރު ފަށައިފިއެވެ.
އިންޑިއާގެ ނޭވީން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު 13 ވަނަ ދުވަހު މުންބާއީއަށް ގެންދެވުނު ހުރަވީގައި ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި މެޝިނަރީތަކާއި، ހަތިޔާރުތަކާއި، ސެންސަރުތައް މަރާމާތުކުރުމުގެ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން އުޅަނދުގެ ޙާލަތު ރަނގަޅުކުރުމުގެ އިތުރު މަސައްކަތްތަކެއްވެސް ކުރެވިފައިވާކަމަށް އިންޑިއާ ނޭވީން މައުލޫމާތު ދީފައިވެއެވެ.
މަރާމާތުގެ މަސައްކަތްތައް ނިމުމާއެކު، އުޅަނދު ބަނދަރުގައި އަދި ކަނޑުމަތީގައި ޓެސްޓުކުރެވި، އެކި އާލާތްތައް ޗެކްކޮށް، ސަލާމަތީ އޮޑިޓްތައް ހެދި، އޮޕަރޭޝަނަލް ކަނޑުމަތީ ތަމްރީނުތައް ފުރިހަމަ ކުރުމަށްފަހު މިހާރު ވަނީ ދަތުރަށް ފުރާފައެވެ.
އެމް.އެން.ޑީ.އެފް ހުރަވީގެ މަރާމާތުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލެވުމަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޑިޕްލޮމެޓިކް އަދި އަސްކަރީ ގުޅުން ވަރުގަދަކަން ދައްކުވައިދޭ ކަމެއްކަމަށް އިންޑިއާ ނޭވީން ބުނެފައިވެއެވެ.
އަދި މިއީ މި ސަރަޙައްދުގައި އިންޑިއާއަކީ އިތުބާރުހުރި ބައިވެރިއެއްގެ ގޮތުގައި ދެމިހުރުމުގެ އަޒުމު އަލުން ކަށަވަރުކޮށްދޭ ކަމެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.



