މާލޭގައި ހުންނަ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓުނު 21 އަހަރުގެ އަންހެން ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި، ގިނަ އަދަދެއްގެ ޒުވާނުން މިރޭ މުޒާހަރާއަށް ނުކުމެއްޖެއެވެ.
މުޒާހަރާ ކުރަމުންދަނީ ހެންވޭރުގައި ހުންނަ ފުލުހުންގެ އިމާރާތް ކައިރީގައެވެ.
މި ހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ. މި ހާދިސާގައި ލިބުނު އަނިޔާގެ ސަބަބުން އެ ޒުވާނާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައެވެ. ނަމަވެސް އައިޖީއެމްއެޗްއިން ބުނާ ގޮތުގައި އޭނާގެ ހާލަތު އަދިވެސް ސީރިއަސްއެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން މީގެ ކުރިން މާބޮޑު ތަފްސީލެއް ހާމަކޮށްފައި ނުވިނަމަވެސް ފުލުހުން ވަނީ ރޭ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ މި ހާދިސާ ހިނގާފައިވާ ކަމަށް ބެލެވޭ ގޮތާއި އަދި އެ ކުއްޖާގެ ވަނަވަރު ހާމަކޮށްފައެވެ.
ފުލުހުން ބުނީ، އެ އަންހެން ކުއްޖާ ވެއްޓިފައިވަނީ މީހެެއްގެ ބައިވެރިވުމަކުން ނޫންކަން މިހާތަނަށް ބެލި ސީސީޓީވީ ފުޓޭޖްތަކުން ދެނެގަނެވިފައިވާކަމަށެވެ. އަދި އަންހެން ކުއްޖާ ވެއްޓުނީ އަމިއްލައަށް ކަމަށާއި އެ ކުއްޖާ ހުރީ މަސްތުގައިކަމަށް ބެލެވޭކަމަށް ފުލުހުން ބުންޏެވެ.
އަދި އެ އަންހެން ކުއްޖާ ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫންކަން ތަހުގީގަށް މިހާރު ޔަގީން ކުރެވިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
އެހެންނަމަވެސް މި މައްސަލާގައި ބައިވެރިވި އެހެން ފަރާތްތަކުގެ މަޢުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އަދި އެ އަންހެން ކުއްޖާއާއެކު ހުރި 21 އަހަރުގެ އަނެއް ޒުވާނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވީ ނަމަވެސް، މިހާތަނަށް އޭނާވެސް ހައްޔަރުކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.
މުޒާހަރާގައި ބައިވެރިވާ ޒުވާނުން ގޮވަމުންދަނީ ”ބޮޑު މީހާ ކުޑަ މީހާ ތަފާތު ނުކުރާށޭ” އަދި ”އިންސާފު ހޯދައިދޭށޭ” ފަދަ އިބާރާތްތަކެވެ.

އަދި މި މައްސަލާގައި ހިމެނޭ އެހެން ފަރާތްތައްވެސް ހައްޔަރުކޮށް، އެ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމަށް ޒުވާނުން ދަނީ ގޮވާލަމުންނެވެ.



