ހައްވާ ޔުމްނު ރަޝީދު (21) ވެއްޓުނު ހ. ފެންޓެނޯއިގެއަށް ނޫސްވެރިންނަށް ވަދެވޭނެ ފުރުސަތު ނުދޭން އެ ގޭގެ ވެރިފަރާތުން ނިންމައިފިއެވެ.
މިކަން ފުލުހުން ވަނީ މިއަދު ނޫސްވެރިންނަށް އަންގާފައެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ފެންޓެނޯއިގެއަށް ނޫސްވެރިންނަށް ވަދެވޭނެ ފުރުސަތު ހޯދުމަށް އެ ގޭގެ ވެރިފަރާތާއެކު މަޝްވަރާކުރުމުން، އެ ގެއަށް މީޑިއާ ވެއްދުމުގެ ހުއްދަ ދެވެން ނެތް ކަމަށް އެ ފަރާތުން ދަންނަވާފައިވާ ކަމަށެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ޔުމްނު ވެއްޓިފައިވަނީ ފެންޓެނޯއި ގޭގެ ނުވަވަނަ ފަންގިފިލާގައި ހުރި ފެންލައިޓަކުންނެވެ. އަދި ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭގޮތުން އެކި ގޮތްގޮތަށް ސޯޝަލް މީޑިއާގައި ވާހަކަތައް ފެތުރެމުންދާތީ، އެ ގެއަށް ނޫސްވެރިން ވެއްދޭތޯ މަސައްކަތްކުރި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ފެންޓެނޯއި ގޭގެ ސިޑިގޮޅި ފެންނަ ސީސީޓީވީ ފުޓޭޖު އާންމުކޮށްފައެވެ. މިއީ މީގެ ކުރިން ސިއްރުކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދައްކާފައިވާ ފުޓޭޖެކެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ފަތިހުއެވެ.
ފުލުހުން ދަނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.



