ހ. މިތާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށްފިއެވެ.
ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ އެޕްރީލް 18 ވަނަ ދުވަހު ހ.މިތާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން މާލެ، ގ. އެރިއަދޫ، ރައުދު އަހުމަދު ޒިލާލް (21އ) ކޯޓު އަމުރެއްގެ ދަށުން މިއަދު 18:20 ގައި ވަނީ ހައްޔަރު ކޮއްފައި ކަމަށެވެ.
އޭގެ އިތުރުން، ރައުދު އަހުމަދު ޒިލާލް އާއި ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ހިމެނޭހެން ޖުމްލަ 7 މީހެއްގެ ފޯނު ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން މާންދޫގޭ ދެކުނުގެ ޓެރަސް އާއި 2 ވަނަ އަދި 4 ވަނަ ފަންގިފިލާގެ އިތުރުން ކަޝިވެލި 3 ވަނަ ފަންގިފިލާ ވަނީ ބަލައި ފާސްކޮއްފައި ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ބުރިން ހ. މިތާޒްގޭގެ ފުރާޅުމައްޗަށް ވެއްޓިފައި ވަނީ ހައްވާ ޔުމްނު ރަޝީދު 21، އެވެ.
އެ ހާދިސާ ހިނގަން މެދުވެރި އިރު، އޭނައާ އެކު އުޅުނު މީހުންނަކީ:
* ރައުދު އަހުމަދު ޒިލާލް، ގ. އެރިޔަދޫ
* އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
* އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
* ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގެދެކުނުގެ
* ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، ހ. މީނާޒް
* އައިމިނަތު ޖުނައިނާ ޖަމްޝީދު، މ. ތިލަފަޅު
* ހުސައިން ހަމީސް އަލީ، އަލި، ނ. ވެލިދޫ
* އިޖާޒް ޖާއިޒް، މާތޮޑާ އަވަށް، ގދ. ފަރެސްމާތޮޑާ
ފުލުހުން މިއަދު ވަނީ ޔުމްނު ވެއްޓުމުގެ ކުރިން ހިނގާފައިވާ ބައެއް ކަންކަމުގެ ވީޑިއޯ ފުޓޭޖު ވެސް ނޫސްވެެެރިންނާއި ބައްދަލުކޮށް ދައްކައިފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އޭނާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ. ކުރިން އޭނަ ވެންޓިލޭޓަރުގައި އޮތް ނަމަވެސް ވެންޓިލޭޓަރުން މިހާރު އޮތީ ނަގައިފަ އެވެ.
ނަމަވެސް އޭނަގެ ހާލު އަދިވެސް ސީރިއަސް އެވެ.


