ޤާނޫނު ތަންފީޒު ކުރުމުގައި ތަފާތު ކުރުން ނުގެންގުޅޭނެ ކަމުގެ ޔަޤީން ކަން ދެއްވުމަކީ ހެޔޮ ވެރިކަމެއްގެ އަސާސެއް ކަަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަތީން މިހެން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ފަތިހު ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ބުރިން ހ. މިތާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާއި ގުޅިގެން އެކްސްގައި ރައީސް ކުރެއްވި ޕޯސްޓަކަށެވެ.
ރައީސް ވިދާޅުވީ، ޤާނޫނު އަސާސީ އާއި ޤާނޫނުތައް ތަންފީޒުކުރުމުގައި، ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ޤަައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތު ނުކުރާނެ ކަމަށެވެ.
”އެ މީހެއްގެ ޙަސަބަކަށް، ނަސަބަކަށް، މަޤާމަކަށް، މުއްސަނދިކަަމަކަށް، ރަޙްމަތްތެރިކަމަކަށް، ޢާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނުއޮންނާނެ.“ރައީސް ވިދާޅުވިއެވެ.
އަދި ޤައުމީ މައްސަލަތަކަށް ހައްލު ހޯދާ ހެޔޮވެރިކަމެއް ޤާއިމްކުރެވޭނީ ދައުލަތުގެ އިދާރާތަކާ އިސްވެރިން މި އަސާސްގެ މަތީގައި ސާބިތުވެ ތިބެގެން ކަމަށް މަތީން ވިދާޅުވިއެވެ.
މި ހާދިސާގައި މިދިޔަ ހުކުރު ދުވަހު، ފުރާޅެއްގެ މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދާއި ހާދިސާ ހިނގިއިރު ޔުމުނުއާއި އެކު އުޅުނު ރައުދު ވެސް މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ.
ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީންއަށް ބޮޑުބޭބެ ވިދާޅުވާ ރައުދުގެ މި މައްސަލައާއެކު، ރައީސް އޮފީހުގެ ޔޫތު އެޑްވައިޒަރީ ކައުންސިލުގެ ރައީސް ކަމުގެ މަގާމުގައި ހުރި އޭނާގެ ބޭބެ ދާއޫދްވެސް މަސްތުވާތަކެތި ބޭނުންކޮށް ޕާޓީކުރާކަން ދައްކުވައިދޭ ވީޑިއޯތަކެއް މީސްމީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ. އެކަމާ ގުޅިގެން ދާއޫދް މަގާމުން ވަކި ކުރުމަށް ގިނަ ބަޔަކު ގޮވާލާފައި ވަނިކޮށް އޭނާ މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.
ރައީސް އޮފީހުގެ ޔޫތު އެޑްވައިޒަރީ ކައުންސިލުގެ ރައީސް ކަމުން ދާއޫދް ވަކިކޮށްފައިމިވަނީ، އެ މަގާމުން އޭނާ އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. އަދި އޭގެ ކުރިން ރައީސް އޮފީހުން މިއަދު ވަނީ އެ އޮފީހުގެ ޑިޖިޓަލް ސްޓެރެޖީގެ އަންޑަސެކްރެޓަރީ ކަމުގެ މަގާމުން، މުސާރަ ނުލިބޭ ގޮތަށް ދާއޫދް ސަސްޕެންޑު ކޮށްފައެވެ.
ފުލުހުން މިއަދު ވަނީ ކޯޓު އަމުރެއްގެ ދަށުން ރައުދު ހައްޔަރުކޮށް، އެ މައްސަލާގައި ހިމެނޭ އަނެއް 8 މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައެވެ.
އަދި އެ 8 މީހުންނާއި ގުޅުން ހުރި ތަންތަން ބަލާ ފާސްކުރަމުން އަންނަކަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ބުނެފައެވެ.
އެ 8 މީހުންނަކީ:
ރައުދު އަހުމަދު ޒިލާލް، 21، ގ. އެރިޔަދޫ
އައިޝަތު ލަޔާލީ އިގުބާލް، 22، ގ. ނޯތުބްރީޒް
އިޒްދިޔާން މުހައްމަދު މައުމޫން، 28، މއ. މާންދޫގެދެކުނުގެ
ޔޫސުފް އަހްމަދު އަކްރަމް، 22، މއ. މާންދޫގެދެކުނުގެ
ޔޫސުފް ޔައްސާރު އަބްދުއްގަފޫރު، 28، ހ. މީނާޒު
އާމިނަތު ޖުނައިދާ ޖަމްޝީދު، 24، މ. ތިލަފަޅު
ހުސައިން ހަމީސް އަލީ، 28، އަލި ، ނ. ވެލިދޫ
އިޖާޒު ޖާއިޒު، 24، މާތޮޑާއަވަށް އޭޕްރީލް، ގދ. ފަރެސްމާތޮޑާ
ޔުމްނު ވެއްޓުމުގެ ކުރިން ހިނގާފައިވާ ބައެއް ކަންކަމުގެ ވީޑިއޯ ފުޓޭޖު ވެސް ނޫސްވެެެރިންގެ ބައްދަލުވުމުގައި ފުލުހުން މިއަދު ވަނީ ދައްކައިފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އޭނާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ. ކުރިން އޭނަ ވެންޓިލޭޓަރުގައި އޮތް ނަމަވެސް ވެންޓިލޭޓަރުން މިހާރު އޮތީ ނަގައިފަ އެވެ.
ނަމަވެސް އޭނަގެ ހާލު އަދިވެސް ސީރިއަސް އެވެ.


