މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން ޗައިނާއިން 85،469 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކުގެ ތެރޭގައި ދެވަނައަށް އިނގިރޭސިވިލާތް (84،723)، ތިންވަނައަށް ރަޝިއާ (80،668)، ހަތަރުވަނައަށް އިޓަލީ (72،000) އަދި ފަސްވަނައަށް ޖަރުމަނުވިލާތް (61،478) ހިމެނެއެވެ.
މީގެ އިތުރުން އިންޑިއާ، ފްރާންސް، އެމެރިކާ، ސްވިޓްޒަލޭންޑް އަދި ޕޮލޭންޑްވެސް ޓޮޕް 10 މާކެޓްގެ ތެރޭގައި ހިމެނެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 23 އާ ހަމައަށް ރާއްޖެއަށް ޖުމުލަ 788،650 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7.5 ޕަސެންޓްގެ ކުރިއެރުމެކެވެ.
މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެނދުގެ ޖުމުލަ އަދަދު މިހާރު ވަނީ 62،367 އަށް އަރާފައެވެ. މީގެ ތެރެއިން އެންމެ ގިނަ އެނދު ނެރެފައިވަނީ 175 ރިސޯޓުން ކަމަށްވާއިރު، އެއީ 43،153 އެނދެވެ.
އަދި 818 ގެސްޓްހައުސްއިން 13،996 އެނދު ނެރެފައިވާއިރު، 15 ހޮޓަލަކުން 2،038 އެނދު ނެރެފައިވެއެވެ. މީގެ އިތުރުން 157 ސަފާރީ އުޅަނދުން 3،180 އެނދު ނެރެފައިވެއެވެ.
މިދިޔަ އަހަރު ރާއްޖެ އިން އަލަށް 1،500 އަށް ވުރަ ގިނަ އެނދު ނެރުނެވެ.



