މަސްޖިދުއްނަބަވީގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅެއް ނިންމަވާލައްވައި މިއަދު ހަވީރު ރާއްޖެއިން ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ ދަށުން، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދެއްވި ދަޢުވަތަކަށް އެމަނިކުފާނު ވަޑައިގެންނެވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާ ބައްދަލުކުރައްވާފައެވެ.
އަދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުންނާއި، ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުންނާވެސް ބައްދަލުކުރެއްވިއެވެ.
އެމަނިކުފާނުގެ ދަތުރުފުޅުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައި، އެތަނުގެ މުވައްޒަފުންނާއި ދަރިވަރުންނާ މުޚާޠަބުކުރެއްވިއެވެ.
މީގެއިތުރުން، ސަލްމާން މިސްކިތަށް ޒިޔާރަތްކުރައްވައި، ކީރިތި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް ހިތްވަރުދެއްވައި، އިމާމުންނާއި ޚަޠީބުންނަށް ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ.
ދަތުރުފުޅުގެ ތެރޭގައި އެމަނިކުފާނު ވަނީ ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުގައި އިމާމުވެ ނަމާދުކުރައްވާފައެވެ. އަދި މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވައި، އަސަރުގަދަ ހުކުރު ޚުޠުބާއެއް ދެއްވިއެވެ.
އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.
އަދި ކުރިއަށް އޮތްތަނުގައި ޙަރަމައިން ޝަރީފައިންގެ އިތުރު އިމާމުން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.




