އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު އާއި ރައުދު އަހުމަދު ޒިލާލްއާ ދެމެދު ހާދިސާ ހިނގި ރޭ ހަމަނުޖެހުންތަކެއް ހިނގި ކަމަށް ކްރިމިނަލް ކޯޓުގައި ފުލުހުން ބުނެފިއެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ރައުދު ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފަހު، ކޯޓުން ވަނީ އޭނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ.
ފުލުހުން ކޯޓު އަމުރަކަށް އެދުނު ތިން ސަބަބުގެ ތެރޭގައި ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމަށް ތުހުމަތުކުރެވުމާއި، މަސްތުގެ ހާލަތުގައި ހުރުން ހިމެނެއެވެ.
ފުލުހުންގެ އައިއޯ ކޯޓުގައި ފާހަގަކުރެއްވި ގޮތުގައި، ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވަނީސް ޔުމްނު ކޮބައިތޯ ރައުދު ގާތު ސުވާލުކުރުމުން، ”ނޭނގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް.“ އޭނާ ބުނެފައިވެއެވެ.
އަދި ސީސީޓީވީ ފޫޓޭޖުން ރައުދު ޔުމްނު ހޯދަން މަސައްކަތްކުރާ މަންޒަރު ފެންނަ ނަމަވެސް، އޭނާ އެކަން އެއްވެސް ކަމާބެހޭ ފަރާތަކަށް ރިޕޯޓުކޮށްފައި ނުވާކަން ވެސް ފާހަގަކުރެއްވިއެވެ.
ނަމަވެސް ރައުދުގެ ވަކީލު ދިފާޢުގައި ވިދާޅުވެފައިވަނީ، ޔުމްނު ވެއްޓުމާ ރައުދުއާ ގުޅުމެއް ނެތް ކަމަށް ފުލުހުން ކުރިން ވިދާޅުވެފައިވާ ކަމަށެވެ. އަދި ފުލުހުން ޢަމަލުކުރި ގޮތުން ރައުދުއާ ބައްދަލުކުރަން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ވެސް ވަކީލު ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ފުލުހުންގެ ތަޙުޤީޤު ކުރިއަށްދާއިރު، ރައުދުގެ ކުޑަކަމުދާ ތަކެތިން ކެނަބިސްއަށް ޕޮޒިޓިވްވެފައިވާކަން ވެސް ފުލުހުންގެ އައިއޯ ކޯޓުގައި ފާހަގަކުރެއްވިއެވެ.
ކްރިމިނަލް ކޯޓުން ބުނިގޮތުގައި ރައުދުގެ ބަންދަށް ކުރު މުއްދަތެއް ދީފައިވަނީ، ވަކީލާ ބައްދަލުކުރުމަށް އެކަށީގެންވާ ވަގުތު ނުލިބުނު ކަމަށް ވަކީލު ފާހަގަކުރެއްވި ނުކުތާއަށް ރިޢާޔަތްކޮށެވެ.




