އިތުރު ވަގުތުގައި ލަނޑު ޖަހައިގެން 3-2 އިން ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް ބާސެލޯނާ އިން ”ކޮޕަ ޑެލް ރޭ“ ގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ ބާސެލޯނާ މި މުބާރާތް ކާމިޔާބުކުރި 32 ވަނަ ފަހަރެވެ.
ސެވިއާގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ޕެޑްރީގެ ލަނޑަކުން ލީޑު ނެގިއެވެ. ނަމަވެސް ދެވަނަ ހާފުގައި ކިލިއަން އެމްބާޕޭ ހިލޭ ޖެހުމަކުން ނަތީޖާ އެއްވަރުކުރުމަށްފަހު، އޮރޭލިއަން ޗުއަމެނީގެ ލަނޑަކުން ރެއާލް އިން ލީޑު ނެގިއެވެ.
މެޗު ނިމެން 6 މިނެޓަށް ވެފައި ވަނިކޮށް ފެރާން ޓޮރޭޒް ލަނޑެއް ޖަހައި ބާސާ އަށް ނަތީޖާ އެއްވަރުކޮށްދިނުމާއި ގުޅިގެން މެޗު ދިޔައީ އިތުރު ވަގުތަށެވެ.
އިތުރު ވަގުތުގެ 116 ވަނަ މިނެޓުގައި ޖޫލްސް ކޫންޑޭ ޖެހި ލަނޑުން ބާސެލޯނާ އިން މެޗު ކާމިޔާބުކުރިއެވެ.
މެޗުގެ ފަހު މިނެޓުތަކުގައި ރެފްރީގެ ނިންމުމަކާމެދު ހިތްހަމަނުޖެހިގެން ރެއާލްގެ އެންޓޯނިއޯ ރުޑިގާ ދަނޑަށް ފުޅިއެއް އެއްލުމުން އޭނާއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.
މި ކާމިޔާބާއެކު ބާސެލޯނާ އަށް ވަނީ މި ސީޒަނުގައި ތިން ތަށި ހޯދުމުގެ ފުރުސަތު ފަހިވެފައެވެ. އެ ޓީމު ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތްއިރު، ޗެމްޕިއަންސް ލީގުގައި ވެސް އޮތީ ސެމީ ފައިނަލުގައެވެ. އަދި މި ސީޒަންގެ ސްޕެނިޝް ސުޕަ ކަޕް ވެސް ވަނީ ބާސެލޯނާ އިން ކާމިޔާބުކޮށްފައެވެ.
ބާސެލޯނާ އަށް ދެން އެންމެ އަވަހަށް އޮތީ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށް ކުޅޭ މެޗެވެ.




