މި މަހުގެ 18 ވަނަ ދުވަހު ހ. މީޓާޒް ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ރިޔާސީ ކޮމިޝަނަށް ބަދަލު ގެންނަވައިފިއެވެ.
އެ ރިޔާސީ ކޮމިޝަން އުފެއްދެވީ، ހައްވާ ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަން ހިނގައިފައިވާ ގޮތް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ތަހުގީގުކޮށް، ލަފާ ދިނުމަށް ޓަކައި، މި މަހުގެ 27 ވަނަ ދުވަހުއެވެ.
އޭރު ކޮމިޝަންގައި ހިމެނި ތިން މެމްބަރުންގެ ތެރެއިން ޑރ. މުހައްމަދު ހަބީބް މިއަދު ވަނީ ކޮމިޝަނުން އިސްތިއުފާދެއްވާފައެވެ.
ހަބީބު އިސްތިއުފާދެއްވުމުން ރައީސް ޑރ. މުއިއްޒު މިވަނީ ކޮމިޝަނަށް ބަދަލު ގެންނަވާ އަލުން އެ ކޮމިޝަން އެކުލަވާލާފައެވެ. ކުރިން ކޮމިޝަންގައި ހުސް ފިރިހެނުން ތިބުމުން އަމާޒުވި ފާޑުކިޔުންތަކާއި ހެދި ކޮމިޝަން ބަދަލުކުރެއްވި އިރު އަންހެން މެމްބަރުންވެސް މި ފަހަރު ވަނީ ހިމަނުއްވާފައެވެ.
ޔުމްނު ވެއްޓުނު މައްސަލަ ބަލަން އަލަށް އެކުލަވާލި ރިޔާސީ ކޮމިޝަން މެމްބަރުން
- ޑރ. މުހްއްމަދު މުނައްވަރު، ގ. ހަސަންކާރިގެ
- ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަހްމަދު މުހްއްމަދު، ވ. އަލްމާން
- ޑރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
- ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
- އާމިނަތު އީނާސް، ހ. ހަބަރު
މި ބަދަލާއިއެކުވެސް ކޮމިޝަންގެ ރިޔާސަތު ބަލަހައްޓާޏި ޑރ. މުހައްމަދު މުނައްވަރުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައިވެއެވެ.
21 އަހަރުގެ ހައްވާ ޔުމުނު ވެއްޓުނުތާ ހަފްތާއެއް ފަހުން އެ މައްސަލަ ތަހުގީގުކުރަން ހާއްސަ ކޮމިޝަނެެއް ރައީސް މުއިއްޒު މި އުފެއްދެވީ ފުލުހުންގެ ތަހުގީގުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.
އަދި ޔުމްނުގެ މައްސަލަ ތަހުގީގުކޮށް އިންސާފު ހޯދާދިނުމަށް ގޮވާލާ ގިނަ އަދަދެއްގެ ޒުވާނުން ނުކުމެ މާލޭގައި މަގުތަކުގައި މުޒާހަރާކުރަމުން އަންނަތާ 4 ރޭ ވެފައިވެސް ވަނިކޮށެވެ.



