ޕޮލިސް ކޮމިޝަނަރުގެ މަޤާމުން މީގެ ދެ ދުވަސް ކުރިން އިސްތިއުފާ ދެއްވި އަލީ ޝުޖާއު، ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފި އެވެ.
ޝުޖާއު އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ 18 ވަނަ ދުވަހު މާލޭގެ އުސް އިމާރާތަކުން އެހެން ގެއެއްގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެނަކު ”ވެއްޓުނު“ ހާދިސާގެ ތަހުގީގާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކުގެ ތެރޭގައެވެ.
ޝުޖާއު ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް އައްޔަންކުރެވުނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ. އޭނާ މި މަޤާމަށް އައްޔަންކުރެވުނު އިރު ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރުގެ މަޤާމުގައެވެ.
ފުލުހުންގެ ޚިދުމަތުން މިހާރު ރިޓަޔަރކުރައްވާފައިވާ ޝުޖާއަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓަރ އޮފް މެނޭޖްމަންޓް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
މީގެއިތުރުން އޭނާއަކީ އެމެރިކާގެ ޔުނިވަސިޓީ އޮފް ވާޖީނިއާ އެފިލިއޭޓްވާ އެފްބީއައި ނޭޝަނަލް އެކަޑަމީ ސެޝަން 277 ގެ އެފްބީއައި ގްރެޖުއޭޓެކެވެ.



