މިދިޔަ ފަސް އަހަރުގެތެރޭގައި ދެވަނަ ފަހަރަށް ލިވަޕޫލުން ޕްރިމިއާ ލީގުގެ ތަށި ކާމިޔާބުކޮށްފިއެވެ.
އާދީއްތަ ދުވަހު ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު މެޗުގައި 5-1 އިން މޮޅުވުމާއެކު، ސީޒަންގެ ބާކީ އޮތް ހަތަރު މެޗު އޮއްވައި، ދެވަނައިގައި އޮތް އާސެނަލްއަށް ލިވަޕޫލް ފަހަނައަޅައި ނުދެވޭނެކަން ކަށަވަރުވެގެން ދިޔައެވެ.
މިއީ ޕްރިމިއާ ލީގުގެ ތާރީޚުގައި މިހާ އަވަހަށް ޗެމްޕިއަންކަން ހޯދި ހަތްވަނަ ޓީމެވެ.
ލިވަޕޫލުން މީގެ ކުރިން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދީ 2019/20 ވަނަ އަހަރު، އޭރުގެ ކޯޗު ޔުރގެން ކްލޮޕްގެ ދަށުންނެވެ. ނަމަވެސް އެއީ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ކަމަށްވުމުން، ސަޕޯޓަރުންނަށް މެޗުތައް ބަލަން ނުދެވުނެވެ.
އެހެންކަމުން މިފަހަރު ސަޕޯޓަރުންގެ ކުރިމަތީގައި ޗެމްޕިއަންކަން ހޯދުމަކީ ވަރަށް ޚާއްސަ ކަމަކަށް ވެގެން ދިޔައެވެ.
އަދި މި ސީޒަންގެ ފަހުކޮޅު ޕްރިމިއާ ލީގުގެ ތަށި އުފުލާއިރު، އެންމެ ފުރަތަމަ ފަހަރަށް ސަޕޯޓަރުންގެ ކުރިމަތީގައި އެ ތަށި އުފުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އާދީއްތަ ދުވަހުގެ މެޗުގެ ކުރިން އެންފީލްޑް ސްޓޭޑިއަމް ވަށައިގެންވާ މަގުތަކުގައި ސަޕޯޓަރުން ވަނީ އެއްވެފައެވެ.
އަދި ޓީމު ސްޓޭޑިއަމަށް އައުމުން ކުޅުންތެރިންނަށް ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ.



