ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީއިން ބުނިގޮތުގައި އެގޮތުން ”މައި ހުޅުމާލޭ ފެސްޓިވަލް“ ގެ ނަމުގައި ފޯރިގަދަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވެއެވެ.
މި ފެސްޓިވަލް ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 10 ވަނަ ދުވަހުއެވެ. އަދި މި ފެސްޓިވަލްގެ ހަރަކާތްތައް ކުރިއަށްދާނީ ހަފްތާއެއްގެ މުއްދަތަށެވެ.
ފެސްޓިވަލްގެ ހަރަކާތްތައް ރޭވިފައިވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި، އެކި ދުވަސްތަކަށް ބަހާލައިގެންނެވެ.

ފެސްޓިވަލްގައި ހިމެނޭ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ފޮޓޯގްރަފީ މުބާރާތެއް، ޢާއިލީ ކާނިވަލެއް، ހުޅުމާލޭ ޑިސްކައުންޓް ވީކެއް އަދި ހެލްތް ކޭމްޕެއް ހިމެނެއެވެ. މީގެ އިތުރުން، ހުޅުމާލޭގެ ތާރީޚާއި ތަރައްޤީ ދައްކުވައިދޭ ފޮޓޯ ވޯކެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކުޅިވަރުގެ ދާއިރާއިން ފެސްޓިވަލްގައި ހިމެނޭ ހަރަކާތްތަކުގެ ތެރޭގައި މަސްރޭހާއި، ސައިކްލިން ޗެމްޕިއަންޝިޕެއް އަދި ބީޗް ފެސްޓެއް ހިމެނެއެވެ. މި ހަރަކާތްތަކަކީ ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ރޭވިފައިވާ ހަރަކާތްތަކެކެވެ.
ހުޅުމާލެއަކީ ރާއްޖޭގެ އާބާދީގެ މައްސަލައަށް ހައްލެއް ހޯދުމަށް ތަރައްޤީކުރެވުނު ރަށެކެވެ.
އަދި މިއަދު ހުޅުމާލެއަކީ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ، ވިޔަފާރިތަކާއި ވަޒީފާގެ ފުރުސަތުތައް ގިނަ، ސިޓީއަކަށް ވެފައިވެއެވެ.



