ފުލުހުންގެ އިންސްޕެކްޓާ ކޯހުގެ ހަތަރު ވަނަ ބުރު އައްޑޫގައި ފަށައިފި އެވެ.
ފުލުހުން ބުނީ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ މި ކޯސް ފަށާފައިވަނީ މި މަހުގެ 26 ވަނަ ދުވަހު 31 ފުލުހަކާއެކުގައި ކަމަށެވެ.
އެއީ 25 ފިރިހެން ފުލުހަކާއި 6 އަންހެން ފުލުހުންނެވެ.
އަށް ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި ފުލުހުންގެ ގާނޫނާއި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތަކާއި، ޑިވެލޮޕިންގ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް، ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒް، ޕޮލިސިންގ އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ފަދަ މޮޑިއުލްތައް ކިޔަވައިދޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އިންސްޕެކްޓަރ ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ކޯހެކެވެ.
މި ކޯހުގެ ސަބަބުން، މުވައްޒަފުންގެ އިލްމާއި ހުނަރު އިތުރަށް ތަރައްގީވެ ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައި ޕްރޮފެޝަނަލްކަމާއެކު މަސައްކަތްކުރާނެ ފުލުހުންތަކެއް ތައްޔާރުކުރެވިގެންދާނެއެވެ.



