އިންޓަރ މިލާން އާއި ދެކޮޅަށް ކުޅެން ޖެހުނު ނަމަވެސް އެކަމުގެ ބިރެއް ނެތް ކަމަށާއި، ފުޓުބޯޅައިގައި އުމުރަކީ އެހާ މުހިއްމު އެއްޗެއް ނޫން ކަމަށް ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމިން ޔަމާލް ބުނެފިއެވެ.
މިހެން އޭނާ ބުނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗާ ދިމާކޮށް ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.
ހާންސީ ފްލިކްގެ ބާސާގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ، 17 އަހަރުގެ ޔަމާލް ވަނީ ހޮނިހިރު ދުވަހު ކުޅުނު ކޯޕާ ޑެލް ރޭ ފައިނަލްގައި ރެއަލް މެޑްރިޑާ ދެކޮޅަށް ދެ އެސިސްޓް ދީފައެވެ.
”ތެދެއް. އެންމެ ފަހު މެޗަކީ ޖިސްމާނީ ގޮތުން އެންމެ ބޮޑަށް ވަރުބަލިވި މެޗު. މެޗުގެ ޕްރެޝަރާއި ރިސްކު ބޮޑުކަން އެނގުމާއެކު ފައިތަށް ވަރަށް ބޮޑަށް ވަރުބަލިވި. މެޑްރިޑާ ދެކޮޅަށް ކުޅޭއިރު ފައިތަކަށްވުރެ ބޮޑަށް ހިތާއި ސިކުނޑި ބޭނުން ކުރަން ޖެހޭ. މިއީ މި ސީޒަންގައި އަހަރުމެންނަށް ދަސްވި ވަރަށް މުހިއްމު އެއްޗެއް. އަދި ކުރީގެ ސީޒަންތަކުގައި މަދުވި އެއްޗެއް“ ކޮޕަ ޑެލް ރޭ ގެ މެޗާއި ބެހޭ ގޮތުން ވާހަކަދައްކަމުން ޔަމާލް ބުންޏެވެ.
އިންޓަރ މިލާނާ އާ ދެކޮޅަށް ކުޅޭ މެޗަކީ ބާސާއަށް ޔަމާލް ކުޅޭ 100 ވަނަ މެޗެވެ.
މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޔަމާލް ބުނީ ބާސާއަށް މިހާ ގިނަ މެޗު ކުޅެވިފައި ހުންނާނީ އޭނާގެ އުމުރުގެ މަދު ކުޅުންތެރިއަކަށް ކަމަށެވެ. އަދި އަބަދުވެސް މޮޓިވޭޓެޑްކޮށް ހުރުމަށް މަސައްކަތް ކުރާ ކަމަށާއި އެ އުމުރުގައި އެ ފެންވަރުގައި ހުރުމަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭނާގެ ކެރިއަރުގެ ދަތުރުގައި ކޮންމެ މަރުހަލާއެއްގައިވެސް ޕްރެޝަރާ ކުރިމަތިލުމުގެ ގާބިލުކަން ލިބިފައިވާ ޔަމާލް ބުނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އިންޓަރ މިލާނާ އާ ކުރިމަތިލުމުގެ އެއްވެސް ބިރެއް ނެތް ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ބާސާއާއި އިންޓާ މިލާން ބައްދަލު ކުރާ މެޗު ބާސާގެ އަމިއްލަ ދަނޑުގައި މާދަން ރޭ ކުޅޭނެއެވެ.



