އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު އަދާލަތު ޕާޓީއަށް އަލުން ވަނުމަށް ނިންމުމާއި ގުޅިގެން އެ ޕާޓީގެ މިހާރުގެ ރައީސް އިމްރާން އަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓަކަށް މިނިސްޓަރު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މިނިސްޓަރު އަދާލަތު ޕާޓީއަށް ވަނުމަށް ނިންމަވާ މިއަދު އެކްސްގައި ކުރި ޕޯސްޓުގައި ވިދާޅުވީ، އަދާލަތުގެ ސީނިއާާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އެމަނިކުފާނު ހިދުމަތްކުރި އަދާލަތު ޕާޓީއަށް އަލުން ވަނުމަށް ނިންމަވައި، މިއަހަރު ފަހުކޮޅުގައި އެ ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.
އެކަމާއި ގުޅިގެން އިމްރާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ދޯހަޅިކަމާހުރެ ގައުމު ވެއްޓިފައި މިއޮތް ހާލަތުން ސަލާމަތް ކުރުމަށް، ރައީސް މުއިއްޒުގެ ކެބިނެޓް ދޫކުރައްވާ ހާލިސްކަމާއެކުގައި ޝަހީމް އަދާލަތު ޕާޓީގެ ލީޑާޝިޕަށް ވާދަކުރައްވާނަމަ އެކަމަށް އުފަލާއެކު މަރުހަބާ ދަންނަވާ ކަމަށެވެ.
އެކަމަށް މިނިސްޓަރު ޝަހީމް އެކްސްގައި ދެއްވި ރައްދުގައި ވިދާޅުވީ އަދާލަތު ޕާާޓީގެ ލީޑާޝިޕަށް ވާދަކުރުމަށް ކެބިނެޓް ދޫކޮށްލަން ނުޖެހޭ ކަމަށެވެ. އަދި އަދާލަތުގެ މެންބަރުންނަށް މަގާމުގައި ހުންނަން ދުސްތޫރުން މަނާ ނުކުރާ ކަމަށެވެ.
އަދާލަތު ޕާޓީގެ ރައީސް ކަމަށް މެންބަރުން އެމަނިކުފާނު އިންތިހާބު ކުރައްވައިފިނަމަ ކޮންގްރެސް އިން ނިންމާ ގޮތަކަށް ޕާޓީއައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
އިމްރާން މިފަދަ ޝަރުތެއް ކުރިމަތި ކުރެއްވި ނަމަވެސް އަދާލަތު ޕާޓީގެ އިސް ބޭފުޅުން ވަނީ މިނިސްޓަރު ޝަހީމްގެ ނިންމެވުމަށް މަރުހަބާ ވިދާޅުވެފަ އެވެ.




