އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަންނަވަން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ފޯމު ހުށަހަޅުއްވައިފި އެވެ.
ފޭސްބުކްގައި މިއަދު ހިއްސާ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، އަދާލަތު ޕާޓީއަށް ވަންނަން މެންބަރުކަމުގެ ފޯމް ހުށަހަޅާފައިވާ ކަމަށެވެ.
އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމެވި ކަމުގެ އިއުލާން މިނިސްޓަރު ކުރެއްވީ މިދިޔަ ބުދަ ދުވަހުއެވެ.
އަދި މީގެ އިތުރުން، މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އަދާލަތު ޕާޓީގެ އާ ރައީސަކު ހޮވުމުގެ އިންތިޚާބުގައި ވާދަކުރައްވަން ވެސް ނިންމަވާފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވަނީ ހާމަކުރައްވާފައެވެ.
މިނިސްޓަރު ޝަހީމްގެ މި ނިންމެވުމާ ގުޅިގެން، އަދާލަތު ޕާޓީގެ މިހާރުގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވަނީ ޓްވީޓެއް ކުރައްވާފައެވެ.
އެ ޓްވީޓުގައި އިމްރާން ވިދާޅުވީ ރައީސް މުއިއްޒުގެ ދޯހަޅިކަމާހުރެ ގައުމު ވެއްޓިފައި މިއޮތް ހާލަތުން ސަލާމަތް ކުރުމަށް، ރައީސް މުއިއްޒުގެ ކެބިނެޓު ދޫކުރައްވައި ހާލިސްކަމާއެކު އަދާލަތު ޕާޓީގެ ލީޑަޝިޕަށް ވާދަކުރައްވާނަމަ އެކަމަށް އުފަލާއެކު މަރުޙަބާ ދަންނަވާނެ ކަމަށެވެ.
ނަމަވެސް، މި ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ ޕާޓީގެ ލީޑަރޝިޕަށް ވާދަކުރެއްވުމަށް ކެބިނެޓުން އިސްތިއުފާ ދެއްވަން ނުޖެހޭނެ ކަމަށެވެ.




