ރޭގެ މުޒާހަރާގައި ހައްޔަރު ކުރި މީހުންނަށް ޖޯކު ޖަހައި ރައީސް ޑރ މުޢިއްޒުގެ ދަރިކަނބަލުން ޔާސްމީން މުޙައްމަދު މުޢިއްޒުގެ އިންސްޓާގްރާމް އެކައުންޓުން އެކަމާ އުފާފާޅު ކުރިކަމަށް ބުނެ، ފަތުރަމުންދަނީ ބޮޑު ދޮގެއް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއެއްގައި ފަލާހް ވިދާޅުވީ، ހައްޤުތައް ހޯދަން ނިކުމެ އެހެން މީހުންގެ ހައްޤުތައް ނަގާލާ، ބޮޑެތި ދޮގު ވާހަކަ މީހުންގެ ނަމުގައި ފެތުރުމަކީ އެއްވެސް ހަމަ އަކުން ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށެވެ.
”ރޭގައި މުޒާހަރާގައި ޢާންމު އިޖްތިމާޢީ މިންގަނޑުތަކާއި އަދި ފުލުހުންގެ ޤާނޫނީ މަސައްކަތަށް ހުރަސް އެޅި ދެ މީހަކު ފުލުހުންގެ ހައްޔަރަށް ގެންދިއުމާއި ގުޅިގެން ރައީސް ޑރ މުޢިއްޒުގެ ދަރިކަނބަލުން ޔާސްމީން މުޙައްމަދު މުޢިއްޒުގެ އިންސްޓާގްރާމް އެކައުންޓުން އެކަމާ އުފާފާޅު ކުރިކަމަށް ބުނެ، ފަތުރަމުންދަނީ ފާޅުވެގެންވާ ބޮޑު ދޮގެކެވެ.“ ފަލާހް ވިދާޅުވިއެވެ.
ފަލާހް އިތުރަށް ވިދާޅުވީ، އެކަހަލަ ވާހަކަ ތަކަކީ، ކަމާ ގުޅުން ނެތް އެހެން މީހުންހެ ހައްޤުތައް ނަގާލަން ޑިމޮކްރަސީގެ ނަމުގައި އަބަދުވެސް ޤައުމުގެ ޢަދުއްވުން ހިންގާ ޖަރީމާގެ އެއްވައްތަރު ކަމަށެވެ.
ޒުވާން އަންހެންކުއްޖަކު ޢިމާރާތަކުން ވެއްޓުނު ހާދިޘާ އާއި ގުޅިގެން އެމަައްސަލަ ބެލުމުގައި ފުލުހުންގެ އިހްމާލު އޮތް ކަމަށް ބުނެ، ޒުވާން ކުދިބަޔަކު ކުރަންފެށި މުޒާހަރާއާއި އެކުހެން ސަރުކާރުގެ ފަރާތުން ވަނީ އެކަށީގެންވާ ހަރުދަނާ ގޮތެއްގައި އެމައްސަލަ ބަލައި އިންސާފުވެރި ތަޙްޤީޤެއް ކުރެވޭނޭ ހުރިހާ މަގެއް ކޮށައިދީފައި ކަމަށް ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ، އެހެނަމަވެސް ޒިންމާދާރުކަމެއް ނެތް އިދިކޮޅު ސިޔާސީފަރާތްތައް އަޑީގައި ތިބެގެން، ހިންގާ ޕޮރޮޕަގެންޑާތަކުގެ އަވާގައި ޖެހި، ފާއިތުވި ރޭތަކުގައި މުޒާހަރާ ކުރަމުން ދިޔަ ޒުވާނުންވަނީ ޢާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު އަދި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދު ތަކާއި ޚިލާފު އެތަކެއް ޢަމަލުތަކެއް މި މުޒާހަރާތަކުގެ ތެރެއިން ކޮށްފައި ކަމަށެވެ.
”މަޖީދީމަގުގެ މެދުގައި، ޢާންމުރައްޔިތުންގެ ދަތުރުފަތުރަށް ހުރަސްއަޅައި، ޢާންމު ވިޔަފާރިތަކަށް ގެއްލުންދީ، ޢާންމު ދިރިއުޅުމާއި، ކިޔަވާ ކުދީންގެ ހައްޤުތަކަށްވެސް ދިޔައީ ކޮންމެ ރެއަކު އަރައިގަންނަމުންނެވެ.“ފަލާހް ވިދާޅުވިއެވެ.
އެހެން ކަމުން ހައްޤުތައް ހޯދަން ނިކުންނަނަމަ އެހެން މީހުންގެ ހައްޤުތަކެއް ވާނޭކަމަށް ޤަބޫލުކޮށް، ތިމާގެ ހައްޤުތައް ނިމޭ ހިސާބުން އަނެކާގެ ހައްޤުތައް ފެށޭނޭކަން ޤަބޫލުކުރުމަށް ފަލާހް ވިދާޅުވިއެވެ.
ފަލާހް އިތުރަށް ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ ފުލުހުންނާއި ސަލާމަތާބެހޭ ބާރުތަކުން ޤާނޫނީވެރިކަން ދިފާޢުކޮށް، ޤައުމުގެ ދާޚިލީ ހަމަޖެހުން އަބަދުވެސް ޤާއިމު ކުރާނެއެވެ.
ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރީ، ނ.ކުޑަފަރި / ބަގީޗާގެ އަބްދުالله މަހްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ / މާލެ، އާއިޝަތު ޝިމަން އަހްމަދު (19އ)އެވެ.
އެތަނުން އަބްދުالله މަހްޒޫމް މާޖިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.
އަދި އާއިޝަތު ޝިމަން އަހްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.



