ގާނުނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލައި، އިންތިޒާމުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ބަޔާނެއް ނެރި ބުނީ، ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުން ހުއްދަ ސަރަހައްދުތައް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ކަނޑައަޅާ އާންމުކޮށްފައިވާ ކަމަށެވެ.
އެހެން ކަމުން އާންމު ރައްޔިތުންގެ އަސާސީ އެހެނިހެން ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ، ގާނޫނާއި ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމުގައި ގާނޫނީ ބާރުގެ ބޭނުންކޮށް އެއްވުން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާާނޫނީ ފިޔަވަޅު އަޅައި އާންމު މަސްލަހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
މީގެ އިތުރުން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ސުލްހަވެރި އެއްވުންތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށާ އެފަދަ އެއްވުންތައް ބާއްވާ ސަރަޙައްދުތަކުގެ މަގުތަކާއި އެއްވުން ނުވަތަ ހިނގާލުން ކުރިއަށް ގެންދިއުމަށް ބޭނުންވާނެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިންތިޒާމު ފުލުހުން ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.
ހޯމް މިނިސްޓްރީން މިއަދު ކަނޑައެޅި އެއްވެ އުޅުން ހުއްދަ ސަރަހައްދުތަކަކީ، ހެންވޭރު ކާނިވާ ސަރަހައްދު، ރަސްފަންނު ސަރަހައްދު، މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި) އަދި އުސްފަސްގަނޑު ސަރަހައްދެވެ.



