މިދިޔަ މަހުގެ 18 ވަނަ ދުވަހު އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޒުވާނުން ކުރަމުންދާ މުޒާހަރާގައި ބައިވެރިވާން ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.
ޑިމޮކްރެޓްސް އިން ބުނީ އެއީ އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގެ ކުއްލި ނުރަސްމީ ބައްދަލުވުމުގައި މަޝްވަރާއާއެކު، ނިންމާފައިވާ ގޮތް ކަމަށެވެ.
އަދި އެ ޕާޓީގެ ކުލަ އާއި ދިދަ ބޭނުން ކުރުމާ ނުލާ، މި މުޒާހަރާގައި ބައިވެރިވެ ޒުވާނުންނަށް ހިތްވަރު ދިނުމަށް އެ ޕާޓީގެ އާންމު މެމްބަރުންނަށް ޑިމޮކްރެޓްސް އިން ވަނީ ގޮވާލާފަ އެވެ.
މީގެއިތުރުން މުޒާހަރާ އިން ރޭ ހައްޔަރުކުރި ދެ ޒުވާނުން ދޫކޮށްލުމަށް ވެސް ޑިމޮކްރެޓްސް އިން ގޮވާލާފައިވެ އެވެ.
ޒުވާނުން ކުރަމުންދާ މުޒާހަރާ ރޭ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ރޫޅާލާފަ އެވެ. އަދި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ދެ ޒުވާނަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އެއީ މަޙްޒޫމް މާޖިދު (28އ) އާއި ޢާއިޝަތު ޝިމަން އަޙްމަދު (19އ) އެވެ. އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ތިން ދުވަސް ޖަހާފަ އެވެ.
ޔުމްނުގެ އިންސާފަށް ގޮވާލައި ޒުވާނުން ސިލްސިލާކޮށް ކުރަމުންދާ މުޒާރާހަރާގައި މިރޭވެސް ކާނިވާ ސަރަހައްދަށް ގިނަ ބަޔަކު އެއްވެ އަޑު އުފުލަމުން އެބަދެއެވެ.


