އަދަދު ނޫހުގެ ސީއީއޯ ހުސެން ފިޔާޒަށް ގުޅުއްވި ނަމަވެސް އެއްވެސް އިންޒާރެއް ދެއްވާފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ފިޔާޒަށް ގުޅުއްވީ އެމަނިކުފާނުގެ ދަރިންނާ ބެހޭ ގޮތުން ދޮގު ވާހަކަތައް ނުފެތުރުމަށް އެދިވަޑައިގަތުމަށް ކަމަށެވެ.
”ކިހާވަރަކަށްތޯ އަޅުގަނޑާ ބެހޭ ގޮތުން ދޮގު ވާހަކަ ކިތައް ތަނުގައިތޯ ފަތުރަނީ. އެކަމަކު ދުވަހަކުވެސް އިންޒާރެއް ނުދެން އެއްވެސް ބޭފުޅަކަށް.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއްވެސް ހާލެއްގައި އެއްވެސް ބޭފުޅަކަށް އިންޒާރު ދެއްވާފައި ނުވާނެ ކަމަށާއި އަދި މީގެ ކުރިން ވެސް އެފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.
14 މާރިޗު 2025 ވަނަ ދުވަހުގެ 19:04 ގައި ”އަދަދު“ ނޫހުގެ ސީއީއޯ އަދި ނޫސްވެރިޔާ ޙުސެއިން ފިޔާޒު މޫސާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޯނުން ގުޅުއްވައި އިންޒާރުދެއްވިކަމަށް ބުނެ މައްސަލައެއްވެސް އޭނާ ވަނީ ފުލުހަށް ހުށަހަޅައިފައެވެ.
ނަމަވެސް ހުށަހަޅާފައިވާ މައްސަލައިގައި، ހެކި ނެތުމުގެ ސަބަބުން ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އޭރު ވަނީ ނިންމައިފިއެވެ.



