މާލޭގައި ސިލްސިލާ ގޮތެއްގައި ޒުވާނުން ކުރަމުންދާ މުޒާހަރާގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހައްޔަރުކުރި ދެ ޒުވާނުން މިރޭ ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
ފުލުހުން ހައްޔަރުކޮށްފައިވަނީ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި މަޙްޒޫމް މާޖިދު (28އ) އާއި ޢާއިޝަތު ޝިމަން އަޙްމަދު (19އ) އެވެ.
މި ދެ ޒުވާނުންގެ ބަންދާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން އިއްޔެ ނިންމާފައިވަނީ ތިން ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށެވެ.
ނަމަވެސް އެ ދެ ޒުވާނުން މިރޭ ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފަ އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މަޙްޒޫމް ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ. އަދި ޝިމަން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައެވެ.
މި މުޒާހަރާތައް ކުރަމުން ދަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އުސް އިމާރާތަކުން ވެއްޓުނު، 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައެވެ.
މި މައްސަލައިގައި ޒުވާނުން އަންނަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ.




