އައްޑޫގައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރިއަށްގެންދާ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 3ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުގެ އިދާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މި ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 10 މެއި 2025 ވަނަ ދުވަހުގެ 14:00 އެވެ.
މި ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިންމާފައިވާ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ.
ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ފޭސް-ޓު-ފޭސްކޮށް ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މިސްކިތްތަކުގައި ޚުޠުބާ ކިޔުމަށް ޤާބިލު ޒުވާން ޚަތީބުން ތަމްރީނުކުރުމެވެ. މިހާތަނަށް ކުރިއަށްގެންގޮސްފައިވާ ދެ ބުރުގައި 300 އަށްވުރެ ގިނަ ޒުވާނުން ވަނީ ސަނަދު ހާސިލްކޮށްފައެވެ.
މިގޮތުން ފުރަތަމަ ބުރުގައި 100 އަށްވުރެ ގިނަ ކުދިންނާއި ދެވަނަ ބުރުގައި 209 ޚަތީބުން ވަނީ ސަނަދު ހާސިލްކޮށްފައެވެ.




