މާލޭގެ ހީނާމާގެ ޕާކިން ސަރަހައްދުގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ހަތަރު ބިދޭސީން އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަންއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން މާލޭގެ ހީނާމާގެ ޕާކިންގް ސަރަޙައްދުގައި އިއްޔެ ހަރަކާތްތެރިވަމުންދިޔަ 11 ބިދޭސީން ބަލައި ފާސްކުރި ކަމަށެވެ.
އަދި އޭގެ ތެރެއިން ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ވެސް އިމިގްރޭޝަންއިން ބުންޏެވެ.
އިމިގްރޭޝަނުން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހީނާމާގެ ޕާކިން ސަރަހައްދަށް އަމާޒުކޮށްގެން ރެއިޑް އޮޕަރޭޝަންތަކެއް ހިންގާފައެވެ.
އެގޮތުން ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު 17 ބިދޭސީން ވަނީ އެ ސަރަހައްދުން އަތުލައިގެންފައެވެ.
ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ދެނެގަތުމުގެ ހާއްސަ އޮޕަރޭޝަނެއް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީ އާއި، އިމިގްރޭޝަނާއި ފުލުހުންގެ ހިދުމަތް ގުޅިގެންދަނީ ހިންގަމުންނެވެ.
މީގެއިތުރުން ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ވެސް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.
އެގޮތުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ގައުމުތަކަށް ފޮނުވާފައެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.




