2025 ވަނަ އަހަރުގެ ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތް ސްޕޯރޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، ރަސްމީކޮށް ލޯންޗްކޮށްދެއްވައިފިއެވެ.
މުބާރާތް ލޯންޗްކުރުމަށް ހެންވޭރު ބޯޅަގޭގައި ބޭއްވުނު ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ އަބްދުއްރައްޒާޤް އިބްރާހިމް އާއި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފްގެ އިތުރުން ހޭންޑްބޯޅަ މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މުބާރާތް ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 18 އިން 22 އަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ”ވިޒިޓާ އިކޮނޮމީ ކޮންސެޕްޓް“ ގެ ދަށުން ސްޕޯޓްސް ޓުއަރިޒަމް ކުރިއެރުވުމަށް މުހިންމު ފުރުސަތެއް ކަމުގައި ކުޅިވަރު ވުޒާރާއިން ދެކެއެވެ.
މި މުބާރާތް އަސްލު ބޭއްވުމަށް ހަމަޖެހުނީ ޕާކިސްތާނުގެ ކަރާޗީގައެވެ.
ނަމަވެސް އެ މުބާރާތް ނުބޭއްވުމާ ގުޅިގެން، އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝަފީގުގެ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ކުރެވުނު މަޝްވަރާތަކާ ގުޅިގެން، ހޭންޑްބޯޅަ އެސޯސިއޭޝަން، ސްޕޯޓްސް މިނިސްޓްރީ، ކުޅުދުއްފުށި ސިޓީ ކައުންސިލް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މަސައްކަތުން މުބާރާތް ބޭއްވުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ލިބިގެން ދިޔައެވެ.




