ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގެ ވާހަކަ ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ހޯދައިފިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގެ ވާހަަކަ ދުނިޔޭގެ އެކި މީޑިއާތަކުން ގެނެސްފައި ވަނީ ރެކޯޑެއްގެ ގޮތުގައެވެ.
މިގޮތުން 15 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށް ރިޕޯޓްކޮށްފައިވާއިރު، މިއީ ރެކޯޑެއް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. އަދި ޓައިމްސް އޮފް އިންޑިއާ، އެންޑީޓީވީ، ރިޕަބްލިކްވޯލްޑް، ދަ ޑެއިލީ ގާޑިއަން، ފްރާންސް24، ޔާހޫ ފަދަ ނޫސްތަކުން މި ހަބަރު ގެނެސްދީފައި ވެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން ހެނދުނު 10:00 ގައި ފެށި، ދަންވަރު 1:00 އާ ހަމައަށް ކުރިއަށް ގެންދެވިއެވެ.
މި ބައްދަލުވުމުގެ ފުރަތަމަ ދެ ގަޑިއިރު ހޭދަކުރެއްވީ ސަރުކާރުގެ 2،000 އަށްވުރެ ގިނަ ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރެއްވުމަށެވެ.
ބައްދަލުވުމުގައި ނަމާދު ވަގުތުތަކަށާއި ފަރިއްކުޅުއްވުމަށް މެދުކަނޑުއްވާލެއްވި ކުދިކުދި ހުސްވަގުތުކޮޅުތައް ފިޔަވައި، ގިނަ ވަގުތު ހޭދަކުރެއްވީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވުމުގައެވެ.
މެންދުރު ނަމާދަށްފަހު 12:10 ގައި ފެށުނު ސުވާލު ޖަވާބުގެ ބައި ކުރިއަށް ގެންދެވުނީ އަސްރު، މަޣްރިބް އަދި އިޝާ ނަމާދުގެ ވަގުތުތަކުގައި ނެންގެވި ކުރު މެދުކެނޑުންތަކާއެކުގައެވެ.



