ޖަރުމަނު ބުންޑެސްލީގާގެ ޗެމްޕިއަންކަން ބަޔާން މިޔުނިކުން ކަށަވަރުކޮށްފި އެވެ.
މީ އެ ޓީމުގެ ފޯވާޑް ހެރީ ކޭންގެ 15 އަހަރުވީ ފުޓުބޯޅަ ހަޔާތުގެ ފުރަތަމަ ތަށިވެސްމެއެވެ.
ބަޔާންއަށް ލީގު ޗެމްޕިއަންކަން ރޭ ކަށަވަރުވީ ވާދަވެރި ބެޔާ ލެވަކޫސަން، ފްރައިބާގާ ދެކޮޅަށް ކުޅުނު މެޗުން 2-2 އިން އެއްވަރުވުމާ ގުޅިގެންނެވެ. އުއްމީދީ ކޯޗު ޒަބީ އޮލަންސޯއާ އެކު މިދިޔަ އަހަރު ލީގު ޗެމްޕިއަންކަން ހޯދި ލެވަކޫސަން، މެޗުން މޮޅުވި ނަމަ ބަޔާނަށް އަނެއްކާވެސް އިތުރު އިންތިޒާރެއް ކުރަން ޖެހޭނެއެވެ.
އިއްޔެ ރެޑްބުލް ލައިޕްޒިގްގެ މެޗުން ލީގު ޗެމްޕިއަންކަން ހޯދެން އޮތް ނަމަވެސް އެ މެޗުން ބަޔާން އެއްވަރުވި އެވެ. ސަސްޕެންޝަނެއްގެ ސަބަބުން އެ މެޗު ކުޅެން ނުލިބުނު ހެރީ ކޭން، މެޗު ބެލީ ސްޓޭޑިއަމްގެ ސްޓޭންޑުންނެވެ.
ލީގު ޗެމްޕިއަންކަން ބަޔާނަށް ކަށަވަރުވުމާ އެކު މި ކާމިޔާބު އެންމެ ހާއްސަވާނެ ކުޅުންތެރިޔަކީ ކޭންއެވެ. އެހެނީ އޭނާ ފިޔަވައި ބަޔާން ޓީމުގައި ތިބި މަޝްހޫރު ކުޅުންތެރިންނަކީ ގިނަ ތަށިތަކެއް ހޯދާފައިވާ ކުޅުންތެރިންނެވެ. ތައްޓާ ބީރައްޓެހި ކުޅުންތެރިޔަކަށް މިހާތަނަށް ހުރީ ކޭންއެވެ.
ޓޮޓްނަމް ހޮޓްސްޕާއާއި އިންގްލެންޑްގެ ގައުމީ ޓީމާ އެކު ވެސް ތައްޓާ ވަރަށް ގާތަށް ގޮސް، ކޭން އަށް އަބަދުވެސް އަންނަ ޖެހެނީ ކަރު އެލުވާލައިގެންނެވެ.
ޔޫރޯ ފައިނަލުގައި ވިދިވިދިގެން ދެ ފަހަރު އިނގިރޭސި ގައުމީ ޓީމާ އެކު ކުޅުނު ކޭން އަށް އެ ދެ ފަހަރު ވެސް ތަށީގައި އަތެއް ނުލެވުނެވެ.
އަދި ޓޮޓްނަމްއާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލާއި އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި ދެ ފަހަރެއްގެ މަތިން ކުޅުނު އިރު ވެސް ކުރިމަތިވީ ހިތްދަތި ނަތީޖާއެކެވެ.




