ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރާނެކަމަށް ބެލެވޭއިރުގައި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި، މިހާރު މިވަނީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެން އުޅޭ ދުވަސްވަރުގައެވެ. އަދި މިވަގުތު ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަވިލާތައް ދެކުނު އަތޮޅުތަކަށް އަރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
މެޓް އޮފީހުން ދިން މައުލޫމާތުގައިވާ ގޮތުން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ދެކުނުގެ އެކި ހިސާބުތަކަށް ވަނީ ވިއްސާރަކޮށްފައެވެ. މީގެ އިތުރުން ބައެއް ހިސާބުތަކަށް އާންމުވައި ގަދަވުމާއެކު ކަނޑުތައް ގަދަވުމުގެ ފުރުސަތު އޮތް ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މޫސުން ގޯސްވުމާއި ގުޅިގެން މެޓް އޮފީހުން ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް، އަދި ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ.
އަދި މި ސަރަހައްދުތަކުގައި ދަތުރުފަތުރު ކުރާއިރު އިތުރަށް ސަމާލުވުމަށް މެޓުން ވަނީ އިރުޝާދު ދީފައެވެ.


