ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރި 4400 އަށްވުރެ ގިނަ ގަސްގަހާގެހި ނައްތާލައިފިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ މިނިސްޓްރީން ބުނީ، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރި 4،408 ގަސްގަހާގެއްސާއި ގަހުގެ ބައިތައް ނައްތާލި ކަމަށެވެ.
މިނިސްޓްރީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި މުއްދަތުގައި ޖުމްލަ 37 ޝިޕްމަންޓެއްގައި 4،732 ގަސްގަހާގެއްސާއި ގަހުގެ ބައިތައް ވަނީ ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައެވެ.
މީގެ ތެރެއިން 2 ޝިޕްމަންޓެއްގައި ހިމެނޭ 324 ގަސްގަހާގެއްސާއި ގަހުގެ ބައިތަކުގެ ލިޔެކިޔުންތައް ވަނީ ފަހުން ހަމަކޮށްފައެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގެ ތެރޭގައި ޖުމްލަ 405 ޝިޕްމަންޓެއްގައި 3،869،648 ގަސްގަހާގެއްސާއި ގަހުގެ ބައިތައް ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.
މިކަމާ ގުޅިގެން މިނިސްޓްރީން ވަނީ ރާއްޖެއިން ބޭރުން ގަސްގަހާގެއްސާއި ގަހުގެ ބައިތައް އެތެރެކުރާއިރު ގަވާއިދުތަކާއި އުސޫލުތަކަށް ސަމާލުކަން ދިނުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އަދި ގަވާއިދާ ޚިލާފަށް އެތެރެކުރާ ތަކެތި ނައްތާލެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.




