ސީ އެމްބިއުލާންސްގެ ހިދުމަތަށް މި އަހަރު އިތުރު 10 ލޯންޗް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކަށް އަވަސްކަމާއެކު ސީ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށް ނުދެވޭ ކަމަށާއި، އެކަމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
”މައިގަނޑު ސަބަބަކީ އެ އުޅަނދުތައްވެސް ހުރީ ބާވެފައި. އަދި އުޅަނދުތައް މިހާރު ބޭނުންވާ ވަރަށް ވުރެ މަދު،“މިނިސްޓަރު ޣައްސާން ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ސީ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށް ދިނުމުގައި މިހާރު އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން އާސަންދައިން އެޕްރޫވް ލިބުމާއެކު އެމްއެންޑީއެފްގެ ފަރާތުން ސީ އެމްބިއުލާންސްގެ ހިދުމަތް ދޭން ފަށާނެ އެވެ.
މުޅި ރާއްޖެއަށް ސީ އެމްބިއުލާންސްގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ކުރިން ވިދާޅުވެފައެވެ.
ސީއެމްބިއުލާންސްގެ ޚިދުމަތުގެ އިތުރުން، ވައިގެ މަގުން ބަލިމީހުން އުފުލުމަށް އެއާ އެމްބިއުލާންސްގެ ޚިދުމަތް ވެސް ރާއްޖޭގައި ވަނީ ތައާރަފުކޮށްފައެވެ.
އެކަމަކީ ވެސް ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެއާ އެމްބިއުލާންސްގެ ޚިދުމަތް ދޭން ފެށި ފަހުން 437 އަށް ވުރެ ގިނަ ބަލިމީހުން އެއާ އެމްބިއުލާންސްގައި އުފުލައި، އަވަސް ސިއްޙީ ފަރުވާ ދީފައިވާކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.


