ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ޑެންގޫ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ހާމަކޮށްފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު، މި އަހަރުގެ އެހެން މަސްތަކާ އަޅައިބަލާއިރު ޑެންގޫ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ވަނީ އިތުރުވެފައެވެ.
އެގޮތުން މިދިޔަ ހަތަރު މަހުގެ ތަފާސްހިސާބަށް ބަލާއިރު ޖަނަވަރީ މަހު 75 ކޭސް، ފެބުރުވަރީ މަހު 80 ކޭސް، މާރިޗު މަހު 73 ކޭސް އަދި އޭޕްރީލް މަހު 124 ކޭސް ރިޕޯޓުކޮށްފައިވެއެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޑެންގޫ ހުން ޖެހިގެން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ، މާލޭ ސަރަހައްދުން 134 ކޭސް ރިޕޯޓުކޮށްފައިވާ އިރު، ރ. އަތޮޅުން 57 ކޭސް އަދި އއ. އަތޮޅުން 40 ކޭސް ރިޕޯޓްކޮށްފައިވެއެވެ.
އަދި ފާހަގަކޮށްލެވޭ ގޮތުގައި ޑެންގޫގެ ކޭސްތައް އިތުރުވެގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވެސް ވަނީ މި އަހަރުގެ ފެބްރުވަރީ މަހު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޑެންގޫ ހުމުގެ އަލާމާތްތައް:
ޑެންގޫ ހުމަކީ އީޑީސް މަދިރީގެ ޒަރީއާއިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ މަދިރި ހަފާތާ ހަތަރު ދުވަހާއި 10 ދުވަހާ ދޭތެރޭގެ މުއްދަތެއްގައެވެ.
މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުން، ހުން އައުން، ބޮލުގައި ރިއްސުން، ލޮލުގައި ރިއްސުން އަދި ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.
ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:
އެޗްޕީއޭއިން ވަނީ ޑެންގޫ ފެތުރުން މަދުކުރުމަށް ޓަކައި ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކައިނުލުމާއި، ފެން ހަރުލާ ގޮތަށް ހުންނަ ތަންތަން ސާފުކުރުމަށާއި، ހެނދުނާއި ހަވީރު މަދިރި ގިނަވާ ވަގުތުތަކުގައި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕައި، ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށް އިލްތިމާސްކޮށްފައިވެއެވެ.



