މަރަދު އާއި މަރަދޫފޭދޫގެ ހިއްކި ސަރަހައްދުން ގޯތި ދޫކުރަން އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ،މަރަދޫފޭދޫގެ ހިއްކި ސަރަހައްދުން 251 ގޯތި ދޫކުރަން ހަމަޖެހިފައިވާނެ ކަމަށެވެ.
ކައުންސިލުން ބުނީ މަރަދޫން ދޫކުރާ ގޯތިތަކަކީ 1،500 އަކަފޫޓުގެ ބޮޑުމިނުގެ ގޯތިތަކެއް ކަމަށެވެ.
ކައުންސިލުން ބުނިގޮތުގައި، މަރަދޫ ހިއްކި ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވަނީ 175 ގޯއްޗެވެ. މީގެ ތެރެއިން 158 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މަރަދޫ އަވަށުގެ ރައްޔިތުންނަށެވެ. އަދި އައްޑޫގެ އެހެން އަވަށްތަކުގެ މީހުންނަށް ދޫކުރުމަށް ކަނޑައަޅާފައިވަނީ 17 ގޯއްޗެވެ.
މަރަދޫފޭދޫ ހިއްކި ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވަނީ 76 ގޯއްޗެވެ. މީގެ ތެރެއިން 68 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މަރަދޫފޭދޫގެ ރައްޔިތުންނަށެވެ. އަދި އައްޑޫގެ އެހެން އަވަށްތަކުގެ މީހުންނަށް ދޫކުރުމަށް ކަނޑައަޅާފައިވަނީ 8 ގޯއްޗެވެ.
ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ނުވާ މީހުންނާއި ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ބޯހިޔާވަހިކަމެއް ލިބިފައި ނެތް ފަރާތްތަކަށް ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މި ގޯތިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އަންނަ މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށެވެ. ގޯއްޗަށް އެދޭ ފޯމު ހުށަހަޅަން ޖެހޭނީ އެ ރަށެއްގެ އޮފީހަށެވެ.




