ތިން ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ ގެސްޓްހައުސް މެނޭޖްމަންޓް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފައެވެ.
މި ކޯސްތައް ހިންގުމަށް ހަމަޖެހިފައިވަނީ އއ. ތޮއްޑޫ، ބ. ދަރަވަންދޫ އަދި ވ. ފުލިދޫގައެވެ.
މިނިސްޓްރީން މި ކޯސްތަކުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ ކޮންމެ ރަށަކުން 20 ފުރުސަތެވެ. މި ކޯސްތަކަކީ ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެއް ކަމަށްވާއިރު، ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ލިބިގެންވެއެވެ.
ރާއްޖޭގައި ލޯކަލް ޓޫރިޒަމް ދުވަހެއް ދުވަހަކަށް ކުރިއަރަމުން އަންނައިރު، ގެސްޓްހައުސް ވިޔަފާރި ވެސް ވަނީ ފުޅާވެފައެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެސްޓްހައުސްތައް ހިންގަމުން އަންނަ އިރު، މި ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ތަމްރީނު ކުރުމަކީ މުހިންމު ކަމެކެވެ.
މި ކޯސްތައް ފަރުމާކޮށްފައިވަނީ ގެސްޓްހައުސް ހިންގުމުގައި ބޭނުންވާ އަސާސީ ހުނަރުތަކާއި މެނޭޖްމަންޓްގެ ހުރިހާ ދާއިރާއެއް ހިމެނޭ ގޮތަށެވެ.
މީގެ ތެރޭގައި ކަސްޓަމަރ ސަރވިސް، ހައުސްކީޕިންގ، ފުޑް އެންޑް ބެވެރޭޖް އަދި ފްރަންޓް އޮފީސް މެނޭޖްމަންޓް ފަދަ ދާއިރާތައް ހިމެނެއެވެ.




