މޯލްޑިވްސް ޕޯސްޓަށް ލިބޭ ޕާރުސަލްތައް އިތުރުވެފައިވާތީ، ކުންފުނީގެ މެއިލް އޮޕަރޭޝަން ޑިޕާޓްމަންޓްގެ މަސައްކަތްތައް ކުރުމަށް މާލެއިން އިތުރު އިމާރާތެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ.
ޕޯސްޓް އޮފީހުން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި، އެ ކުންފުންޏަށް ބޭނުންވަނީ 2،500 އަކަފޫޓަށްވުރެ ކުޑަނޫން އިމާރާތެކެވެ.
އަދި އެވަރުގެ ބޮޑުމިން ނުހުންނަ ނަމަ، ސިޒަރ ލިފްޓް ބޭނުންކޮށްގެން އެއްވަނަ ފަންގިފިލައަށް ތަކެތި ފަސޭހައިން ގެންދެވޭގޮތަށް ލިފްޓް ބެހެއްޓުމަށް އެކަށީގެންވާ ޖާގައެއް ލިބެން ހުންނަން ޖެހޭނެކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
ޕޯސްޓުން ބުނިގޮތުގައި އިމާރާތް ކުއްޔަށް ހިފުމަށް ބޭނުންވަނީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށެވެ.
އިތުރު އިމާރާތެއް ހޯދަނީ މިފަހަކަށް އައިސް ޕޯސްޓަށް ލިބޭ ޕާރުސަލްތައް އިތުރުވާން ފެށުމާ ގުޅިގެންކަމަށް ޕޯސްޓުން ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޯސްޓަށް ލިބޭ ޕާރުސަލްތައް އިތުރުވާން ފަށާފައިވަނީ، ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޕްލެޓްފޯމް ކަމުގައިވާ ”ޓީމޫ“ އިން ރާއްޖެއަށް ޚިދުމަތް ފެށުމާ ގުޅިގެންނެވެ.
ޓީމޫއަކީ މިހާރު ދިވެހިން އެންމެ ގިނައިން އޮންލައިންކޮށް ވިޔަފާރިކުރުމަށް ބޭނުންކުރާ ޕްލެޓްފޯމެވެ.



