ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސްވެގެން އަރާފައިވާ ޖޫރިމަނާ މަޢާފުކޮށްދިނުމުގެ އިތުރު ޕްރޮގްރާމެއް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ތައާރަފްކޮށްފިއެވެ.
މިކަމާއި ގުޅިގެން އެމްޑަބްލިޔުއެސްސީ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ، މި ޕްރޮގްރާމުގެ ދަށުން، އެމްޑަބްލިޔުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް 2024 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މަޢާފުކޮށްދޭނެ ކަމަށެވެ.
ނަމަވެސް މި ފުރުސަތު ލިބޭނީ 2025 މޭ 1 އިން ފެށިގެން 2025 ޑިސެމްބަރު 31 އާ ދެމެދު ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ އެއްކޮށް ދައްކާ ޚަލާސްކުރާ ކަސްޓަމަރުންނަށް ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެފައިވެއެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނިގޮތުގައި، ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދެއްކުމުގެ އިންތިޒާމުވެސް ހަމަޖައްސައިދެވޭނެއެވެ. މިގޮތަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މަޢާފުކޮށްދެވޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާ ޚަލާސްކުރުމުންނެވެ.
މިކަމުގައި އެހީތެރިކަމެއް ނުވަތަ އިތުރު މަޢުލޫމާތެއް ބޭނުންނަމަ، އެ ކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސް.އެމް.އެސްއެއް ފޮނުވުމުން ނުވަތަ mail@mwsc.com.mv އަށް އީ-މެއިލް ކުރުމުން ލިބޭނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުންޏެވެ.
ހުރިހާ ކަސްޓަމަރުންވެސް، ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދެއްކުމަށް މި ފުރުސަތުގެ ބޭނުން ހިފުމަށާއި، ޤަވާޢިދުން ބިލްތަކަށް ފައިސާދައްކަމުން ގެންދިއުމަށް އެމްޑަބްލިޔުއެސްސީ އިން އިލްތިމާސްކުރެއެވެ.




