މޯލްޑިވްސް އިމިގްރޭޝަންގެ ”އިމުގަ ޕޯޓަލް“ ގެ ނަމުގައި ހިންގާ ފޭކު ވެބްސައިޓްތަކަށް ސަމާލުވުމަށް އިމިގްރޭޝަނުން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އިމުގަ ނަމުގައި ހިންގާ ފޭކު އަދި ތާޑް-ޕާޓީ ވެބްސައިޓްތައް ބޭނުން ނުކުރުމަށެވެ.
އިމިގްރޭޝަނުން ބުނީ އިމިގްރޭޝަންގެ ރަސްމީ ވެބްސައިޓް ފިޔަވައި އެހެން ވެބްސައިޓްތަކުން އިމުގަ ޕޯޓަލްގެ ޚިދުމަތްތައް ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށް އޮޅުވާލުމުގެ ފުރުސަތު އޮތްކަމަށެވެ.
އެހެންކަމުން، އިމުގަ ޕޯޓަލްގެ ޚިދުމަތް ހޯދުމުގައި އިމިގްރޭޝަންގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
އިމުގަ އަކީ 2020 ވަނަ އަހަރު އިމިގްރޭޝަންގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ޑިޖިޓަލް ސަރވިސް ޕޯޓަލެކެވެ. މި ޕޯޓަލް މެދުވެރިކޮށް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނަށް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން ގެންދެއެވެ.
ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި އޮންލައިން ސްކޭމްގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.
މިފަދަ މައްސަލަތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ދަނީ އާންމުންނަށް އިރުޝާދު ދެމުންނެވެ.



