މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، އިމާރާތުގެ މަތިން އަމިއްލައަށް ފުންމާލީ ނޫން ކަމަށާއި އެއީ ބަޔަކު ކުރި ކަމެއް ކަމަށް އޭނާގެ އާއިލާއިން މިރޭ ބުނެފިއެވެ.
މެލޭޝިއާގައި މިހާރު ފަރުވާ ހޯދަމުންދާ ޔުމްނު، އެރޭ ހިނގި ހާދިސާގެ ތަފްސީލް ކިޔައިދީފައިވާ ކަމަށް އޭނާގެ ދައްތަ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިރޭ ބުނެފައިވެއެވެ.
އެގޮތުން، ހާދިސާ ހިނގި ހ. ފެންޓެނޯއީ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް އޭނާ ބުނެފައިވާކަމަށް ދައްތަ ބުންޏެވެ.
ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ބުނެފައިވާ ގޮތުގައި، އެ ހާދިސާ ހިނގި ރޭ އެ ގެއަށް ދިޔައީ މި މައްސަލައާ ގުޅިގެން ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ. މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު ދިން ދައުވަތަކަށެވެ.
އަދި އެ ގޭގައި އެރޭ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލުގެ އިތުރަށް ހަތަރު މީހަކު އުޅުނު ކަމަށް ޔުމްނު ބުނެފައިވެއެވެ.
”އެންމެފަހު ބަހަކަށް ޔުމްނު ބުނެފައިވަނީ އަޅުގަނޑު ކައިރީގައި، އިންސާފު ލިބޭނެހެއްޔޭ. މިއީ އަމިއްލައަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،“ ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތަ ބުންޏެވެ.
ނަމަވެސް، ޢާއިލާއިން މިފަދައިން ބުނާއިރު، އާއިލާގެ މައްޗަށް ވެސް ވަރަށް ގިނަ ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ.
މީގެ ތެރޭގައި ޔުމްނުއަށް ދިމާވި ހާދިސާގެ ނާޖާއިޒު ފައިދާ ނަގައި، ސިޔާސީ ބޭނުމަށް އަދި ފައިސާ ހޯދުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތުތައް ހިމެނެއެވެ.
އަދި ޔުމްނުގެ ބޭސްފަރުވާއަށް ރައްޔިތުން ހަދިޔާކުރި ފައިސާގެ ނާޖާއިޒު ފައިދާ ނަގާ ކަމަށާއި، ބޭނުންވާ އަދަދަށްވުރެ އިތުރަށް ފައިސާ ހޯދާފައިވާ ކަމުގެ ތުހުމަތުތަކެއް ވެސް ވަނީ އުފުލިފައެވެ.



