މޯލްޑިވްސް 2.0 ގެ ސަބަބުން ސަރުކާރުގެ ހިންގުމުގެ ނިޒާމު ޚަރުދަނާވެ، އިޤްތިޞާދަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް 2.0 އާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، މޯލްޑިވްސް 2.0ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވީ މުޙިއްމު ޤައުމީ މަސައްކަތްޕުޅެއް ކަމަށެވެ.
އަދި 2040 ވަނަ އަހަރު އައްނަން ވާއިރު ހުރިހާ މާނައެއްގައި ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެއްދެވުމުގެ ވިޝަންގައި އެމަނިކުފާނު ފެއްޓެވީ ވަރައް ބޭނުންތެރި މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މިކަމުގެ ސަބަބުން ސަރުކާރުގެ ހިންގުމުގެ ނިޒާމު ޚަރުދަނާވުމުގެ އިތުރަށް ވިޔަފާރި އާއި އިންވެސްޓްމަންޓް އަދި ޖުމްލަކޮށް އިޤްތިޞާދަށް ގިނަ ފައިދާތަކެއް ކުރާނެ.“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ދައުލަތާއި ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ބިޔޮރޮކްރަސީގެ ސަބަބުން ނިޒާމުގައި ހުރިއުނދަގޫތައް ނައްތާލުމަކީ ތަރައްޤީއަށް ރާއްޖެ ކުރާ މަސައްކަތުގައި ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.
އެގޮތުން މިކަންކަމުގައި ދުނިޔޭގައި ނަމޫނާ ދައުރެެއް އަދާކުރަމުންދާ އެސްޓޯނިއާގެ ތަޖުރިބާ ހޯއްދެވުމަށް ރައީސް ނިއްމަވައި އެކަން ތަންފީޒުކުރަން ”މޯލްޑިވްސް 2.0“ ގެ ނަމުގައި ފެއްޓެވީ މުޙިއްމު ޤައުމީ މަސައްކަތްޕުޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މިފަދަ ކަންކަން ސިޔާސީ ކުރުމުގެ ބަދަލުގައި ގައުމީ ތަރައްގީއަށް އެއްބާރުލުންދީ މަރުހަބާ ކިޔުމަކީ މުޅި ޤައުމަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މޯލްޑިވްސް 2.0 އަކީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ސަރުކާރުގެ ގިނަ ހިދުމަތްތަކެއް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ.
މީގެ ސަބަބުން ރައްޔިތުންނަށް ލިބޭ ހިދުމަތްތައް އަވަސްވެ، ފަސޭހަވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.



