މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21) ގެ ބަންދަށް އިތުރު ފަސް ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފިއެވެ.
މިއީ ރައުދުގެ ބަންދުގެ މުއްދަތު އިތުރުކުރި ތިންވަނަ ފަހަރެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި، ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ރައުދު ހައްޔަރުކޮށްފައިވަނީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް 24 ގައެވެ.
ފުލުހުން ވަނީ އޭނާގެ މައްޗަށް ހާދިސާގައި ބައިވެރިވުމުގެ އިތުރުން، މަސްތުވެފައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ކޮށްފައެވެ.
މި މައްސަލައިގައި ޔުމްނުއާއެކު އުޅުނު އިތުރު ހަތް މީހުންގެ ތެރެއިން ރައުދު ފިޔަވައި އެހެން އެންމެން ވަނީ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ދިނުމަށް އިންކާރުކޮށްފައެވެ.
މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިނިސްޓަރު އަމީންގެ އެއްބަނޑުއެއްބަފާ ދެބެއިންގެ ގެ، މއ. މާންދޫގެދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ބަލައި ފާސްކޮށްފައެވެ.
ނަމަވެސް، މި ތަންތަނުން މައްސަލައާ ގުޅޭ އެއްވެސް ހެއްކެއް ލިބިފައެއް ނުވެއެވެ.
މި މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އާންމުން ތުހުމަތުކުރަމުން ދިޔުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މައްސަލަ ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ.
މިވަގުތު ޔުމްނު ވަނީ އިތުރު ފަރުވާއަށްޓަކައި މެލޭޝިއާއަށް ގެންގޮސްފައެވެ.



