ބެޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ އަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗުންގެ ލިސްޓްގައި ހިމެނޭނެ ފެންވަރުގެ ކޯޗެއް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.
މި ސީޒަނަށް ފަހު ލެވަކޫސަން ދޫކޮށްލާނެ ކަމަށް ޒަބީ އިއުލާން ކުރުމާއި ގުޅިގެން އަންޗެލޮޓީ ބުނީ، އޭނާ ލެވަކޫސަން ދޫކޮށްލަން އިއުލާން ކުރިކަން އިނގޭ ކަމަށާއި، އެއީ އޭނާ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައި އޮތް ކްލަބެއް ކަމަށެވެ.
އަދި ޒަބީ އަށް ހުރިހާ ފުރުސަތެއް ވެސް އޮންނާނެ ކަމަށާއި، ޒަބީއަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެއް ކަމަށް އަންޗެލޮޓީ ބުންޏެވެ.
މި މަހުގެ 18 ގައި ބުންޑެސްލީގާ ނިމުމާއެކު ލެވަކޫސަންގައި އޭނާގެ މަސައްކަތް ނިމޭނެ ކަމަށް ޒަބީ ހުކުރު ދުވަހު ވަނީ އިއުލާން ކޮށްފައެވެ. އެހެންނަމަވެސް އޭނާގެ ކުރިމަގާ މެދު ސުވާލު ކުރުމުން އެ ވާހަކަ ދައްކަން އޭނާ ބޭނުން ނުވާކަމަށް ބުންޏެވެ.
ރެއާލްއާ ނުސީދާގޮތުން ގުޅުން އޮންނަ ބައެއް ވެބްސައިޓްތަކުގައި ބުނެފައިވާ ގޮތުގައި، ކޯޗަކަށް އަލޮންސޯ ގެނައުމާއި މެދު ޖޯސޭ މޮރީނިއޯގެ ހިޔާލު ވެސް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ހޯދާފައެވެ.
މޮރީނިއޯގެ ދަށުން ރެއާލްގައި ކުޅުނު އިރު ޒަބީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި 2012 ވަނަ އަހަރު ރެއާލުން 100 ޕޮއިންޓް ހޯދައި ލީގު ޗެމްޕިއަންކަން ހޯދުމުގައި ވެސް ޒަބީގެ ދައުރު ފާހަގަކޮށްލެވެއެވެ.
މި ސީޒަނަށް ފަހު އަންޗެލޮޓީ ރެއާލް ދޫކޮށްލައްވާނެ ކަމަށް ބެލެވެއެވެ. އަދި ބްރެޒިލްގެ ގައުމީ ޓީމާ އޭނާ ހަވާލުވާނެ ކަމުގެ އަޑުތައް ފެތުރިފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ.
އެހެންކަމުން، ޒަބީ އަލޮންސޯ ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވެއެވެ.



