މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ބަންގްލަދޭޝް ރައްޔިތެއް ޑީޕޯޓުކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާއި ގުޅިގެން ހައްޔަރުކުރެވުނީ 38 އަހަރުގެ މޮޓީ މިއާ އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބުރާސްފަތި ދުވަހު މާލޭ މަގުމަތިން ހިންގުނު އޮޕަރޭޝަނެއްގައެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މޮޓީ މިއާ ހައްޔަރުކޮށް ބަލައި ފާސްކުރުމުން، ބަނގުރާ ކަމަށް ބެލެވޭ 500 އެމްއެލްގެ 115 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



