ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 18 އަހަރުން ދަށުގެ 4،790 ކުދިން އެބަތިބިކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އެންމެ ގިނައީ ”މަލްޓިޕަލް ޑިސެބިލިޓީ“ ހުންނަ ކުދިންނެވެ.
މިގޮތުން މަލްޓިޕަލް ޑިސެބިލިޓީ ހުންނަ 1،873 ކުދިން ދަފްތަރުގައި ހިމެނެއެވެ. އޭގެ އިތުރުން ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 1،021 ކުދިންނާއި، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ 640 ކުދިން ވެސް ދަފްތަރުގައި ހިމެނެއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން އެންމެ ގިނައިން ތިބެނީ 5 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާގައެވެ.
މީގެ އިތުރުން އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ހުންނަ 442 ކުދިންނާއި، ވިސްނުމުގެ ނުވަތަ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ 460 ކުދިން ވެސް ދަފްތަރުގައި ހިމެނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއާ ހިއްސާކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މުޅި ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،000 އަށްވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.
ސަރުކާރުން އެންމެ ފުރަތަމަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް ޤާއިމްކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން އެލަވަންސް ދެމުންދާއިރު، މިދިޔަ އަހަރު އެފަރާތްތަކަށް 560 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
އަދި މިއަހަރުގެ ބަޖެޓުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސްގެ ގޮތުގައި 634.3 މިލިއަން ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.



