އިއްޔެގެ ނިޔަލަށް މިއަހަރު ރާއްޖެއަށް 884,802 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.1 އިންސައްތައިގެ ކުރިއެރުމެކެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، އިޓަލީ އަދި ޖަރުމަނުވިލާތުންނެވެ.
އަދި އެންމެ ގިނަ ފަތުރުވެރިން ހޭދަކޮށްފައިވަނީ ރިސޯޓްތަކާއި ގެސްޓްހައުސްތަކުގައެވެ.
ތަފްސީލުތަކަށް ބަލާއިރު ރިސޯޓްތަކުގައި 626,920 ފަތުރުވެރިން ހޭދަކޮށްފައިވާއިރު، ގެސްޓްހައުސްތަކުގައި 208,952 ފަތުރުވެރިން ހޭދަކޮށްފައިވެއެވެ. މީގެއިތުރުން ހޮޓާތަކުގައި 26,219 ފަތުރުވެރިންނާއި ސަފާރީތަކުގައި 22,129 ފަތުރުވެރިން ހޭދަކޮށްފައިވެއެވެ.
މިވަގުތު ރާއްޖޭގައި 175 ރިސޯޓް ހިންގަމުންދާއިރު، އެތަންތަނުގައި ޖުމްލަ 43,313 އެނދު ހުރިކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
އަދި 832 ގެސްޓްހައުސްގައި 14,260 އެނދާއި، 158 ސަފާރީގައި 3,187 އެނދު ހުރިކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.




